2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި ބެއްލެވީ، ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސެވުމުގެ މައްޗަށް ކަމަށް ވިދާޅުވެ، އެކަމުގެ ތަފްޞީލު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު، މަޖިލީހަށް ދެއްވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ހިފެހެއްޓުމެއްނެތި ފުޅާވަމުން ގޮސްފައިވާ ބަޖެޓް ޑެފިސިޓްގެ ސަބަބުން އެކްސްޓަރނަލް އިންބެލެންސް އާދަޔާ ޚިލާފަށް ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދު ބޮޑުވެފައި ވުމާއެކު، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް އަވަހަށް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.