ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެކިއެކި ބަޔާންތައް ނެރުއްވުމުން ދުރުވެވަޑައިގެން ތިއްބެވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު އިނގިރޭސި ބަހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

މި ދަންނަވާލަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނޫސްބަޔާނުގެ ތަރުޖަމާވެ.

"ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅޭގޮތުން އުފެދިފައިވާ ޚިލާފުތައް ޙައްލުކުރުމުގެ ޤާބިލުކަން މިޤައުމަށް ލިބިގެންވެއެވެ. ދިވެހިރާއްޖެއަކީ އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީއެކެވެ. އެހެންނަމަވެސް، ޤައުމީ އެކިއެކި ބޮޑެތި މައްސަލަތަކުގައި، ވަކި ފަރާތަކަށް ނުޖެހޭ، ހަރުދަނާ ނިންމުންތައް ނިންމުމަށް، އަޅުގަނޑުމެންގެ ޝަރުޢީ ދާއިރާ ފަދަ ޤާނޫނީ މުޢައްސަސާތަކުގެ ޤާބިލުކަން ވަނީ ދައްކައިދީފައެވެ. ހަމައެއާއެކު، ރާއްޖޭގެ ރައްޔިތުންވެސް ވަނީ މިފަދަ ނިންމުންތައް ބަލައިގަނެފައެވެ.

އެހެންކަމުން، 7 ސެޕްޓެންބަރުގައި ބޭއްވުނު ރާއްޖެގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ، ކަމުގެ އަސްލު ނުގެއްލޭނެ ގޮތަށް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިމައްސަލައަކީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާ ގުޅިގެން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖޭގެ ޤާނޫނީ ހުދޫދުގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ބެއްލެވުމަށް ތިއްބެވި ރާއްޖޭގެ އޮބްޒަރވަރުންނާއި ބައިނަލްއަޤްވާމީ އޮބްޒަރވަރުން ވަނީ ވަރަށް ފުރިހަމައަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ. އެހެންނަމަވެސް، އިންތިޚާބަކާ ގުޅިގެން، އެ އިންތިޚާބެއްގައި ވާދަކުރެއްވި ކެންޑިޑޭޓަކު ނުވަތަ ގިނަ ކެންޑިޑޭޓުންތަކެއް، ކޯޓަށް ހުށަހަޅުއްވާ މައްސަލައަކާ ބެހޭގޮތުން އިންތިޚާބުގެ އޮބްޒަރވަރުންނަކަށް ގޮތެއް ނުނިންމޭނެއެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ކުރާ ގޮތެއް ނޫނެވެ.

އެހެންކަމުން، ބޭރު ދުނިޔޭގެ އެކި ޤައުމުތަކާއި، އ.ދ. އާއި، ކޮމަންވެލްތުން، ޒިންމާދާރުގޮތެއްގައި ޢަމަލުކުރެއްވުމަށާއި، މިކަމާ ބެހޭގޮތުން އެކިއެކި ޝުޢޫރުތައް ފާޅުކުރައްވައި ބަޔާންތައް ނެރުއްވުމުން ދުރުވެވަޑައިގެން ތިއްބެވުމަށް އަޅުގަނޑު ގޮވާލަމެވެ. ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަ ބަޔާންތަކަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ބާރަކަށް ވާނެ ބަޔާންތަކެއް ނޫންކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކުރަމެވެ."