ދިވެހި ދައުލަތުގެ ސަފީރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް މަޤާމުން ރިޓަޔަރވެވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޤަބޫލުފުޅު ކުރައްވައިފިއެވެ.

އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފާ ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި، އެމަނިކުފާނުގެ ރިޓަޔަރމަންޓް ޤަބޫލުފުޅު ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށް އެމަނިކުފާނުގެ އިޚްލާޞްތެރި ޚިދްމަތް ލިބިވަޑައިގަންނަވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް، މިވޭތުވެދިޔަ 43 އަހަރަށްވުރެ ދިގު މުއްދަތުގައި، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ވަނީ ޚިދްމަތް ކުރައްވައި، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. ސަރުކާރުގެ ޚިދްމަތް، އެމަނިކުފާނު ފަށްޓަވާފައިވަނީ، 19 ޑިސެމްބަރ 1968 ގައެވެ. އެމަނިކުފާނު ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، ޕްރައިމް މިނިސްޓަރ އޮފީހުގެ ސެކްރެޓަރީ ކަމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ މެނޭޖަރު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަޤާމު ހިމެނެއެވެ. އަދި ނ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވެއެވެ.

އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. ޚާރިޖީ ދާއިރާގައި ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަކީލު ކަމުގެ މަޤާމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަޤާމާއި، ޑިރެކްޓަރ، އިންޓަރނޭޝަނަލް އޯގަނައިޒޭޝަންސް ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ކަމުގެ މަޤާމާއި، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ކަމުގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.