ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރެއްވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ހުރިހާ ފަރާތްތަކަކުންވެސް ޤައުމުގެ ހަމަޖެހުމަށް އިސްކަން ދެއްވުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމުގައި ވިދާޅުވިއެވެ.