ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ މައްޗަށް ރާއްޖޭގެ ސްކޫލްތަކުގެ ތަޢުލީމާއި ތަރުބިއްޔަތު ބިނާކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވުމަށްޓަކައި މިއަދު ހެނދުނު އެސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، އެ މަދްރަސާގެ ތާރީޚީ ފިލާގެ ފަރުދާ، ރައީސުލްޖުމްހޫރިއްޔާ ކަޝްފުކޮށްދެއްވުމަށްފަހު، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެ މަދްރަސާއިން ދަސްވެނިވެގެން ނުކުންނަ ކުދިންނަކީ، އަޚްލާޤީ ގޮތުން ރަނގަޅު، ތަޢުލީމީ ގޮތުން ފެންވަރު މަތި އަދި އެކުދިންގެ ޙަޔާތުގައި އެކިއެކި ކާމިޔާބީތައް ހޯދާފައިވާ ކުދިންކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފުރިހަމަ ތަޢުލީމެއް އެ މަދްރަސާއިން ދެއްވަމުން ގެންދަވާ ކަމަށްޓަކައި މަދްރަސާގެ ޕްރިންސިޕަލަށާއި، މަދްރަސާގެ މުދައްރިސުންނަށާއި، މަދްރަސާގެ ބެލެނިވެރިންނަށާއި، ޚާއްޞަކޮށް، މަދްރަސާގެ ބޯޑަށާއި، ޕީ.ޓީ.އޭ.ގެ މެންބަރުންނަށާއި، މަދްރަސާގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމީ ތަރުބިއްޔަތަކީ ކޮންމެ ދަރިވަރަކަށްވެސް ލިބެންޖެހޭނެ ތަރުބިއްޔަތެއް ކަމަށާއި، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކުރެވޭ ގޮތަކީ، އެހެނިހެން ސްކޫލްތަކަށްވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ގޮތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ވަރުގަދަކުރުމަށާއި، އަޅުގަނޑުމެންގެ ތެރޭގައި ރިވެތި އަޚްލާޤީ މިންގަނޑުތައް ޤާއިމްކޮށް، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ތަރުބިއްޔަތު ދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ރާއްޖެއިން މިއަދު ފެންނަމުން މިދަނީ، މުޖްތަމަޢު ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްދީ، އެކިމީހުން އެކިދިމާއަށް ދަތުރުކުރާ މަންޒަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮންނާނީ، އަޅުގަނޑުމެން އެންމެންނަކީ، އެއް މިޞްރާބަކަށް ދަތުރުކުރާ ބަޔަކަށްވެގެންނެވެ. އެ މިޞްރާބު ކަނޑައެޅުމުގައި، އެންމެ ފުރަތަމަ އަހަންމިއްޔަތުކަން ދޭންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމީ އެކިއެކި އުޞޫލުތަކުގެ މައްޗަށް ބަރޯސާ ކުރެވިގެން ދެވޭ ތަޢުލީމަކުން މެނުވީ، މި ޤައުމު ރަނގަޅު މިޞްރާބަކަށް ގެންދާކަށް ފަސޭހައެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ މުޖްތަމަޢު މިހާރަށްވުރެ ރަނގަޅު ކުރުމަށާއި، އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބަޔަކަށް ހެދުމަށާއި އަދި އަޅުގަނޑުމެންނަކީ ރިވެތި އަޚްލާޤެއްގެ ވެރި ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އެއްބަޔަކު އަނެއްބަޔަކަށް ނެތިމޮށުމާއި، ފުރައްސާރަ ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއް ކަމަށް ވިދާޅުވެ، މުސްލިމުންނަކީ އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތު ކުރުމުގައި، ރިވެތި އަޚްލާޤީ މިންގަނޑުތަކެއް ގެންގުޅޭ ބައެއް ކަމަށްވުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި އަޅުގަނޑުމެންދޭ ތަޢުލީމަކީ، މި ޤައުމުގެ މުސްތަޤްބަލަށްޓަކައި އަދި މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި އަޚްލާޤީ ރަނގަޅު އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށްވާންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު އެމަދްރަސާއަކީ ޢާންމުންގެ ކުރިމަތީގައި ވަރަށް މަޤްބޫލު، ޚާއްޞަކޮށް، ބެލެނިވެރިންގެ ކުރިމަތީގައި ވަރަށް މަޤްބޫލު މަދްރަސާއެއް ކަމުގައި ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ މަދްރަސާއަށް ވަންނަން ބޭނުންވާ ކުދިންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް އިތުރަވުމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޢަރަބި އިސްލާމީ ތަޢުލީމަށް ރާއްޖޭގެ ރައްޔިތުން ދެއްވާ އަހަންމިއްޔަތު، މިކަމުން ދޭހަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެ މަދްރަސާގެ ދަރިވަރުންގެ މަޖައްލާ [އަލް މަންހަލް]ގެ 9 ވަނަ ޢަދަދު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވިއެވެ. އަދި މަދްރަސާގެ އާ ޢިމާރާތް، އެމަނިކުފާނު ބައްލަވައިލެއްވިއެވެ.