ޤައުމުގެ އިޤްތިޞާދީ ތާރީޚުން ދަސްކުރަންޖެހޭ އެންމެބޮޑު އެއްފިލާވަޅަކީ، ދިވެހިރާއްޖެއަކީ އިތުބާރު ލިބިފައިވާ، އިޙްތިރާމު ލިބޭ ޤައުމަކަށްވުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް އިކޮނޮމިކް ޑައިވަސިފިކޭޝަން ސްޓްރެޓަޖީ ރިޕޯޓް ނެރުއްވައިދެއްވުމުގެ ޙަފްލާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު މެންދުރުފަހު ޓްރޭޑަރސް ހޮޓެލްގައި އޮތް މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިކަން ޙާޞިލު ކުރެވޭނީ، އާމްދަނީ އިތުރުކޮށް، ސަރުކާރުގެ ޚަރަދު ކުޑަކޮށް، އިންވެސްޓަރުންނަށް އިތުބާރާއި ޔަޤީންކަން ލިބޭގޮތަށް، ސަރުކާރުގެ ސިޔާސަތު ކަނޑައަޅައި ތަންފީޛު ކުރުމުންނެވެ. ދައުލަތުގެ ބަޖެޓް އިންތިހާއަށް ބޮޑުވެގެންދިޔުމަކީ، ޤައުމުގެ ދަރަނި އިތުރުވެ، ވިޔަފާރިއަށް ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. ޤައުމު އަރަނިކުރުމަށްޓަކައި ޓެކްސް ނިޒާމް ފުރިހަމަކޮށް، މުޖްތަމަޢުން ފަސާދަ ފުހެލައި، ނަޒާހަތްތެރިކަން ޤާއިމްކުރަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު މި އިފްތިތާޙު ކުރެވުނު މޯލްޑިވްސް އިކޮނޮމިކް ޑައިވަސިފިކޭޝަން ސްޓްރެޓަޖީ ތަންފީޛު ކުރެއްވުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ފެށިފައިވާކަން ހާމަކުރެއްވިއެވެ. މިގޮތުން، މި ސްޓްރެޓަޖީގައި، ޞިއްޙަތާއި، މަސްވެރިކަމާއި، ވިޔަފާރިއާއި ޓޫރިޒަމާއި އަދި ޓްރާންސްޕޯޓްގެ ދާއިރާއިން ހިމެނިފައިވާ ބައެއް ކަންކަން ތަންފީޛު ކުރުމަށްޓަކައި މަސައްކަތްތައް ފެށިފައިވާ ކަމަށާއި، އެމަނިކުފާނުގެ އުންމީދަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާކުރުމުގެ ސިޔާސަތުތަކަށް ދެއްވަންޖެހޭ ފުރިހަމަ އަހަންމިއްޔަތުކަން ދެއްވުން ކަމުގައި ވިދާޅުވިއެވެ. ހަމައެޔާއެކު، ދިވެހިންގެ ކުރިއެރުމާއި އަދި ޤައުމުގެ ތަރައްޤީއަށް އެންމެންއެކީ އެއް އަމާޒަކަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. [ދިވެހި ޤައުމުގެ އިޤްތިޞާދީ ތަޞައްވުރު ނުވަތަ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާނެ ހަލުވިމިނާއި، ގެންގުޅޭނެ ޙިކްމަތްތަކަކީ، ސިޔާސީ ޕާޓީތަކާއި، މުފައްކިރުންނާއި، ފަރުދުންގެ މެދުގައި ބަޙުޘް ކުރެވިދާނެ ކަންކަން. އަޅުގަނޑުމެންގެ ވާޖިބަކީ، މިހާތަނަށް މިގޮތުން މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް، ދިވެހި ރައްޔިތުންނަށް ހުށަހަޅާލަދިނުން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މިހާރު އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ނޫންކަން ބަޔާންކުރައްވަމުން، މިހާރު ދިވެހިރާއްޖެއަކީ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުން ޤަބޫލުކުރާ ޤައުމެއް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެހެން މީހުން ރަނގަޅު ނަމޫނާއަކަށް ދެކޭ، ތަޢުރީފުކުރާ ޞިނާޢަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އަޅުގަނޑުމެންނަށް މުހިންމީ، ޤައުމުގެ އިޤްތިޞާދީ މިނިވަންކަމާއި ކުރިއެރުން ކަށަވަރު ކުރުން ކަމުގައި ވިދާޅުވިއެވެ. އިޤްތިޞާދީ މިނިވަންކަން ކަށަވަރު ކުރުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ، ހަރުދަނާ، ދުޅަހެޔޮ، އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުން ކަމަށާއި، ދިވެހިންނަށް ދެވޭ ތަޢުލީމާއި، ތަރުބިއްޔަތާއި، ތަމްރީނު ވާންޖެހޭނީ، ޤައުމުގެ މުސްތަޤްބަލަށް ބޭނުންހިފޭ، ވާދަވެރި ދުނިޔޭގައި ހިފަހައްޓާލުމުގެ ޤާބިލު ރައްޔިތުން އުފެއްދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން އެންމެން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ، ދިވެހި ޒުވާނުން އެދޭފަދަ އިޤްތިޞާދެއް ބައްޓަންކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.