އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އެޤައުމުގެ ލިބަރެލް ޕާޓީގެ ލީޑަރ ޓޯނީ އެބޮޓް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޓޯނީ އެބޮޓަށް، ވަރަށް ހޫނު ތަޙުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ޓޯނީ އެބޮޓްގެ ޒަޢާމަތުގައި، އޮސްޓްރޭލިއާއަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބި، ބައިނަލްއަޤްވާމީ ކަންކަމުގައި އޮސްޓްރޭލިއާ ސަރުކާރުން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.