އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ، ހުރިހާ ގޮތަކުންވެސް ކާމިޔާބު އިންތިޚާބަކަށް ހައްދަވައި ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މިރޭ 8.30 ގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުމާއި އަމާންކަމަކީ، އެންމެ އިސް ވާޖިބު ކަމުގައި ހައްދަވައިދެއްވައި، ޤައުމުގެ މަޞްލަޙަތު އިސްކޮށްދެއްވުމަށާއި، އެންމެ ޟަޢީފު މީހާއަށްވެސް ރައްކާތެރިކަމާއި މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ލިބޭނޭކަން ޔަޤީންކޮށްދެއްވުމަށާއި، އިންތިޚާބު ނިމުމުން، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ، ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ޙަވާލުކުރައްވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ، ދިވެހި ރައްޔިތުން ކަމަށާއި އަދި މިކަން ކުރިއަށް ގެންދާނެ ގޮތްވެސް ކަނޑައަޅުއްވާނީ، ދިވެހި ރައްޔިތުން ކަމުގައި ވިދާޅުވިއެވެ. "ޑިމޮކްރަސީއަކީ އެންމެގިނަ މީހުން ބޭނުންވާގޮތަށް ކަން ކުރެވުން. ޑިމޮކްރަސީއަކީ އެއްވެސް ހާލެއްގައި ފުރާފުރިހަމަ ނިޒާމެއް ނޫން. ސީދާ މާނަކުރުމަށް ބަލައިފިނަމަ، ޑިމޮކްރަސީއަކީ ދުނިޔޭގައި ވެރިކަން ކުރުމުގެ ނިޒާމުގެ ތެރެއިން އެންމެ ރަނގަޅު ނިޒާމް ކަމުގައި އެންމެގިނަ މީހުން ގަބޫލުކުރާ ނިޒާމް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރެޓިކް އިންތިޚާބެއްގެ ނަތީޖާއަކަށްވާނީ، ގިނަ މީހުންގެ ނިންމުން ކަމަށާއި، ގިނަ މީހުންގެ ނިންމުމަށް ދެންތިބި މީހުން އިޙްތިރާމް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީ ގެނައުމަކީ ނުވަތަ ކުރީގައި ނެތް މިނިވަންކަމެއް ލިބުމަކީ، ޤައުމުގައި ހުރި ހެޔޮ ރަނގަޅު ކަންކަން ގެއްލެންވީ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ، ނިސްބަތުން އެހެން ޤައުމުތަކަށްވުރެ ފަހުން ކަމުގައިވުމަކީ، އެހެން ޤައުމުތަކުން ޑިމޮކްރަސީގެ މަގުގައި ހޯދާފައިވާ ފިލާވަޅުތަކުން ޢިބްރަތް ލިބިގަންނަންވީ ކަމެކެވެ. އެޤައުމުތަކުން ޤާއިމްކޮށްފައިވާ ރީތި މިސާލުތައް ގާއިމްކޮށް، ގޯސްތައް ތަކުރާރު ނުކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ދައްކަވަމުން، ތަރައްޤީގެ ރާސްތާގައި އަޅާ ފިޔަވަޅުތަކަކުން އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ގެއްލުމެއްވާނަމަ، އަޅުގަނޑުމެންނަށް އެ އެއްބައިވަންތަކަމަށް ކުރަންވާވަރަށް މަސައްކަތް ނުކުރެވުނީ ކަމާއި، އެކަންކަމަށް ޣާފިލުވެވުނީކަން އެކަމުން އެނގޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކިތަންމެވަރަކަށް ޚިޔާލު ތަފާތުވިޔަސް، ކިތަންމެ ކުލަތަކެއްގެ ދަށުގައި ތިބި ނަމަވެސް، އަޅުގަނޑުމެންގެ އެންމެންގައި ތަފާތުނުވާނޭ އަދި ކޮންމެ މީހަކަށް ތާއީދުކުރިޔަސް، ބަދަލުނުކުރެވޭނެ އެއްކަމެއް އެބަވާ ކަމަށް ވިދާޅުވިއެވެ. "އެއީ އަޅުގަނޑުމެންނަކީ ދިވެހިންނަށްވީކަން. އެއްބަހަކުން ވާހަކަ ދައްކައި، އެއްނަސްލެއްގައި ތިބި އެއްބަޔަކަށްވީކަން. މިދީބުގެ އަޑުތައް ފިޔަވައި އެހެން އަޑުތަކެއް، އަޅުގަނޑުމެން އެއްވެސް މީހަކަށް ކަމުނުދާނެކަން. މިކަމާ ދެބަސްވުމެއްނެތް ކިތަންމެ ކުޑަނަމަވެސް، ކިތަންމެ ނާޒުކު ނަމަވެސް، ކިތަންމެވަރަކަށް އަޅުގަނޑުމެން އަމިއްލައަށް ދެބަސްވިނަމަވެސް، މިޤައުމު ނޫން ޤައުމެއް، އަޅުގަނޑުމެން ހަމަ އެކަކަށްވެސް އިޚްތިޔާރެއް ނުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.