މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 26 ވަނަ ދުވަހުގެރޭ ޢިއްޒަތް އެރުވުނު ބޭފުޅުންގެ ތެރެއިން އެކި ސަބަބާހުރެ އެރަސްމިއްޔާތަށް ޙާޒިރުވެވަޑައިނުގެންނެވުނު ދެބޭފުޅަކަށް ޢިއްޒަތް އަރުވައި، އަދި މިނިވަންދުވަހުގެ މުނާސަބަތުގައި ހުސްވި އޯގަސްޓް މަހުގެ 22 ވަނަ ދުވަހުގެރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޝަރަފްގެ ޢިއްޒަތް އެރުވި ބޭފުޅުންގެ ތެރެއިން އެ ޖަލްސާއަށް ޙާޒިރުވެވަޑައިނުގެންނެވުނު ބޭފުޅަކަށް ޝަރަފްގެ އައްޑަނައާއި، ޝަރަފްގެ ބެޖާއި ހަނދާނީ ލިޔުން ރައީސުލްޖުމްހޫރިއްޔާ މިއަދު އަރުވައިފިއެވެ. މިކަން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ޢިއްޒަތް އެރުވުނު ދެބޭފުޅުންނަކީ، މާފަންނު އަވީލާ އަލްފާޟިލް އިސްމާޢީލް ފަތުޙީއާއި، މައްޗަންގޮޅީ ޗަމްޕާވިލާ އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފެވެ. އިސްމާޢީލް ފަތުޙީއަށް އެރުވުނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) އެވެ. ޗަމްޕާ ޙުސައިން ޢަފީފަށް އެރުވުނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު އެރުވުނީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މާފަންނު ދިމްޔާޠު ފަޟީލަތުލް އުސްތާޛުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނަށެވެ.