އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން، ޤައުމުގެ ސަލާމަތީ ކަންތައްތައް ހިނގަމުންދާނެގޮތާ ބެހޭގޮތުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަލާމަތީ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު، އެމް.އެން.ޑީ.އެފް. އިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޖިލީހުގެ ބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ.

ޤައުމީ ސަލާމަތީ މަޖިލީހަކީ ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ ސަލާމަތާ ގުޅޭ އެންމެހާ ކަންތައްތަކުގައި، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.