ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމު، ބުޓާނާ ބައްދަލުކޮށް މިއަދު ކުޅުނު މެޗު، ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ކާމިޔާބު ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޓީމުގެ އިސްބޭފުޅެއްގެ ގޮތުގައި ނެޕާލަށް ވަޑައިގެން ހުންނެވި ޢަލީ ސުޒައިނާ، ރައީސުލްޖުމްހޫރިއްޔާ މިރޭ ފޯނުން ގުޅުއްވައި، ސްރީލަންކާއާ ރާއްޖެ ބައްދަލުކޮށް ކުޅުނު މެޗުގަޔާއި، މިއަދުގެ މެޗުގައި ޓީމު ދެއްކި މޮޅު ކުޅުމަށް ތަޢުރީފު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޓީމުގެ ކެޕްޓަނަށާއި، ކުޅުންތެރިންނަށާއި، ކޯޗަށާއި، އޮފިޝަލުންނަށް މަރުޙަބާ ވިދާޅުވިއެވެ. ޚާއްޞަކޮށް، ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤް، ދެމެޗުގައިވެސް ގިނަ ލަނޑުތަކެއް ޖަހައި ހޯދައިދިން ރީތިނަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން ތިބީ ދިވެހި ޤައުމީ ޓީމާއެކުގައި ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައިވެސް މޮޅު ކުޅުމެއް ކުޅެ، ރާއްޖެއަށް ރީތިނަމެއް ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.