ތިމަރަފުށީގައި އެއަރޕޯޓް ހެދުމުގެ މަޤްޞަދަކީ، ހަމަ އެންމެ މަޤްޞަދެއް ކަމަށާއި، އެއީ އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ކޮޅުމަޑުލު ތިމަރަފުށީ އެއަރޕޯޓް ހުޅުއްވައިދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮޅުމަޑުލަކީ އަދި މާގިނަ ރިޒޯޓުތަކެއް ހުޅުވިފައިވާ އަތޮޅެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި އެއަރޕޯޓުގެ ސަބަބުން ކުރިއަށް އޮތްތާނގައި އެ އަތޮޅު، ވަރަށް ބޮޑަށް ތަރައްޤީވަމުންދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، ޚާއްޞަކޮށް އަތޮޅުގައި ފަތުރުވެރިކަން ކުރެވޭނެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ހުޅުވިގެން މިދިޔަ ތިމަރަފުށީ އެއަރޕޯޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އަދި އެބަހުރިކަންވެސް ފާހަގަކުރެއްވިއެވެ. އަދި، މި އެއަރޕޯޓް ފުރިހަމަވެގެންދާއިރު، އިރާދަކުރެއްވިއްޔާ އެއަރޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ހަމައެހެން، ދެ ދުވަހެއްގެ ތެރޭގައި، މި އެއަރޕޯޓްގެ ދެން ހުރި އެހެނިހެން ކަންކަން، ޚާއްޞަކޮށް އެއަރޕޯޓުގައި ދާއިމީ ޓަރމިނަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއަރޕޯޓުގައި އިތުރަށް ފުރިހަމަކުރަން ހުރި ކަންކަން ފުރިހަމަކުރުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ވިދާޅުވެ، އެހެންނަމަވެސް މަތިންދާބޯޓް ޖައްސައި، ދަތުރުފަތުރު ކުރެވޭ ފެންވަރަށް މިހާރުވެސް އެއަރޕޯޓް ހެދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވުޒާރާތަކާއި، ކުންފުނިތަކާއި، ދައުލަތުގެ އިސް ފަރާތްތަކުން އެކީގައި މަސައްކަތް ކުރެއްވީމާ، ނުވާނެ ކަމެއް ނެތްކަން ތިމަރަފުށީ އެއަރޕޯޓުން ފެނިގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. ބަޖެޓުގެ އެކިއެކި ތާށިތައް ހުރުމާއި އަދި އެހެނިހެންވެސް ދަތިތައް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި އެއަރޕޯޓް ހަދަން ފަށައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވިފައިވާތީ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.