ސިފައިންނަށް ޤައުމީ މަސްއޫލިއްޔަތު ފުރިހަމަކަމާއެކުގައި އަދާކުރެވޭނީ، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ލިބެންޖެހޭ ޢިނާޔަތްތައް ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިފައިންނަށް ޚާއްޞަ ކޮށްގެން އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުއްވުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބަޔަކީ ސިފައިން ކަމަށާއި، މިސަބަބުތަކަށްޓަކައި ސިފައިންނަކީ ވަރަށް ޚާއްޞަ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިން ކުރަމުންގެންދާ ޚިދުމަތް ފާހަގަކުރައްވައި ސިފައިންނަށާއި، ސިފައިންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި އޮގަސްޓު މަހުގެ ތެރޭގައި ސަރުކާރުން އަލުން ފެށްޓެވި ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އަލިއަޅުއްވައިލައްވަމުން، މި ސަރުކާރުން އޮތީ، ސިފައިންގެ ޢާއިލާތަކުގެ ޙާލަތު ބަދަލުކުރުމުގެ ޢަޒުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ޢަޒުމަކީ، ސިފައިންގެ ޢާއިލާތަކަށް ހަމަޖެހިލައިގެން އުފާވެރިކަމުގައި އުޅެވޭނެ، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ހުރިހާ ސިފައިންނަށް ހޯއްދަވައިދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.