އައްޑޫސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ، ފަޅު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިން މިގޮތަށް ލަފާ އެރުއްވީ، އެ ސަރަޙައްދަކީ، ވަރަށް ގިނަ ގޯތި ދޫކޮށްފައިވާ ސަރަޙައްދަކަށްވާތީ، ފަޅު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ގޯތި ދޫކޮށްފައިވާ މީހުންނަށް މަސައްކަތް ނުފެށި، އެކަމުގެ ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ހުށަހަޅަމުން ގެންދާތީއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އައްޑޫސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދާއި، ހަންކެޑެ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި، ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ 2011 ނޮވެމްބަރ 29 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިންނެވެ.