ހުޅުމާލޭގެ ދެވަނަ ފޭހުގެ ކޮންސެޕްޓަކީ ވަރަށް ރީތި، ވަރަށް ތިމާވެށްޓާ ރައްޓެހި ކޮންސެޕްޓެއް ކަމަށާއި، މިރަށް ތަރައްޤީވުމުން އެއީ ގްރޭޓަރ މާލޭ ސަރަޙައްދުގެ އެންމެ ރީތި ހިސާބަށްވުމަކީ، ދުރުކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭން ދައްކާލުމަށްޓަކައި މިއަދު ހަވީރު ޓްރޭޑަރސް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ އުންމީދަކީ، ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި، ހިއްކަންޖެހޭ ބައި ހިއްކާ ނިންމުންކަން ހާމަކުރައްވަމުން، އެ ރަށް ތަރައްޤީވުމުން، ވަރަށް ހިތްފަސޭހަކަމާ އެކީގައި، ވަރަށް ހަމަޖެހިގެން، ގިނަ ޢަދަދެއްގެ ބަޔަކަށް، އެ ރަށުގައި ދިރިއުޅެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖެ މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފައިސާވެރިންނާއި، އިންވެސްޓަރުންނާއި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އިތުރުން، ބޭރުގެ އިންވެސްޓަރުންނަށްވެސް އިންވެސްޓް ކުރުމުގެ ފުރްޞަތު ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީވުމަށްޓަކައި އަޅުގަނޑުމެން ދެކޭ ހުވަފެނަކާއި ތަޞައްވުރެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، އަޅުގަނޑުމެންގެ މާލެސިޓީއާއި ދިވެހިރާއްޖެ ތަރައްޤީވާނީ، އެންމެން ބައިވެރިވާ، އެންމެން ޙިިއްސާކުރާ ވިސްނުމެއްގައި، ޙިއްޞާކުރާ މުސްތަޤްބަލެއް ހޯދުމަށް އެންމެން އެކީގައި މަސައްކަތް ކުރުމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމަޝްރޫއުގެ ކުރެހުން ތައްޔާރު ކުރުމަށާއި، އެހެނިހެން ގޮތްގޮތުން ސިންގަޕޫރުގެ ޤައުމީ ޔުނިވަރސިޓީއިން ދެއްވާފައިވާ ފަންނީ އެހީތެރިކަމަށްޓަކައި އެ ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރަށް، މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހައުސިންގ މިނިސްޓްރީއިން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، މިމަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާކަމާއެކީގައި، ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.