ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަން "ޑޮކްޓަރ ޞަމަދު މެމޯރިއަލް ހޮސްޕިޓަލް"ގެ ނަމަށް ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވައިފިއެވެ. މިގޮތަށް ލަފާއެރުއްވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ދެމިހުންނަނިވި ގޮތެއްގައި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ޒިކުރާ އާކުރެއްވުމަށްޓަކައި ކުރެއްވިދާނެ ކަންކަމާގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރައްވައި، އެމަނިކުފާނަކީ، ތިނަދުއަށް އުފަން ބޭފުޅަކަށްވެފައި، އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ.

އެނގިވަޑައިގަންނަވާނެފަދައިން ޑޮކްޓަރ ޢަބްދުއްޞަމަދު އަބްދުﷲ އަވާހާރަވުމާ ގުޅިގެން އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެމަނިކުފާނުގެ ޒިކުރާ އާކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ނަންފުޅުގައި ޚާއްޞަ ސްކޮލަޝިޕެއް އިޢުލާނު ކުރެއްވުމަށްވަނީ ނިންމަވާފައެވެ. އަދި އެމަނިކުފާނު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބޭއްވެވުމަށްވެސްވަނީ ނިންމަވާފައެވެ.