މިވީ ކުރު މުއްދަތުގެ ތެރޭގައި، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، ރާއްޖޭގެ ސިޔާދަތާއި، އިސްތިޤްލާލު ދެމެހެއްޓެވުމަށްޓަކައި ވަރަށްބޮޑު، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި، މިއަދު ހަވީރު ސޮއިކުރެއްވުމަށްފަހު އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތީ، ރާއްޖެއަށް ވަރަށް އުނދަގޫ ދުވަސްވަރެއްގައި. ރާއްޖޭގެ ދާޚިލީ ޙާލަތު ވަރަށްބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި އޮއްވާ. އަދި ރާއްޖެއަށް ބޭރުގެ ފަރާތްތަކުން އެކިއެކި ގޮންޖެހުންތައް ކުރިމަތިވެފައިވީ ވަގުތެއްގައި، އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޤައުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމުން ކުރިމަތިވި ކަންތައްތަކުން ސަލާމަތްވުމުގައާއި، ޖީ.އެމް.އާރު. އަތުން ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އަނބުރާ ހޯދުމުގައި ޑޮކްޓަރ ޢަބްދުއްޞަމަދު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ޑޮކްޓަރ ޢަބްދުއްޞަމަދުގެ ޚިދުމަތް އެންމެ ބޭނުންވި ވަގުތުގައި، އެ ޚިދުމަތް މިހާ ހިސާބުން ހުއްޓިގެންދިޔަކަމީ ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހކަފުޅު ނިންމަވާލެއްވީ، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ދިވެހިރާއްޖެ ވަރަށް ނުރައްކާތެރި ހާލަތެއްގައިވަނިކޮށް، ރާއްޖެއިން ބޭރުން ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޑޮކްޓަރ ޢަބްދުއްޞަމަދު ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ތާރީޚުގައި ފާހަގަކުރަންޖެހޭ މަސައްކަތްޕުޅުތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ.