ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބޭއްވެވުމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އަދި ދެމިހުންނަނިވި ގޮތެއްގައި އެމަނިކުފާނުގެ ޒިކުރާ އާކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ނަންފުޅުގައި ޚާއްޞަ ސްކޮލަޝިޕެއް އިޢުލާނު ކުރެއްވުމަށްވެސް ނިންމަވައިފިއެވެ. މިކަންކަން މިގޮތަށް ނިންމެވީ، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެމަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތްތަކުގެ މައްޗަށް މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި، ވަރަށް ހިތްވަރުފުޅުގަދަ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އެންމެ އުނދަގޫ ދުވަސްވަރު، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެން، ބޭރު ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް އަޔަނުދެއްވައި، ވަރަށް ސާބިތުކަމާއެކު މަސައްކަތްޕުޅު ކޮށްދެއްވި ބޭފުޅެއްކަންވެސް މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި، ޚާއްޞަކޮށް އޭޝިޔާ ބައްރުގެ ޞިއްޙީ ކަންތައްތައް ތަރައްޤީ ކުރައްވައި ކުރިއެރުވުމަށް އެމަނިކުފާނު ކޮށްދެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވައި، މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.