އަލްފާޟިލް މުޙައްމަދު ޢަބްދުލްޤާދިރު
ގ. ގޯޅިތެރޭގެ

                މުޙަންމަދު ޢަބްދުލްޤާދިރަކީ، 1986ން ފެށިގެން، ދިވެހިބަސް އަދި ތާނައަކުރު ކޮމްޕިއުޓަރުގައި ބޭނުންކުރުމަށް، ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މުޙަންމަދު ޢަބްދުލްޤާދިރު އުފެއްދެވި "ތާނަ ރައިޓަރ" ޕްރޮގްރާމަކީ، ކޮމްޕިއުޓަރުގައި ތާނަ ލިޔުމަށްޓަކަަަައި ދިވެއްސަކު އުފެއްދި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. އަދި މުޙަންމަދު ޢަބްދުލްޤާދިރު ހިންގަވާ "ސޭގާ ސޮފްޓް"ގެ ފަރާތުން އުފެއްދި "އެމް.އެލް. އެސް." އާއި، "ޔުނިވަރސް" ޕްރޮގްރާމަކީވެސް، ޔުނިކޯޑުގެ ތެރެއަށް ތާނައަކުރު ލެވިގެން ފުރަތަމަ އުފެއްދި ޕްރޮގްރާމެވެ. މިނޫނަސް، ތަފާތު ޕްރޮގްރާމްތަކާއި، ފޮންޓުތައް އުފައްދަވައި ތަޢާރުފު ކުރައްވައި ތަރައްޤީ ކުރައްވައިފައިވެއެވެ. މީގެއިތުރުން، ދިވެހިބަސް، ކޮމްޕިއުޓަރުގައި ބޭނުންކުރުމާ ބެހޭގޮތުން ވަރަށްގިނަ ބަޔަކަށް މަޢުލޫމާތު ދެއްވައި އެހީތެރިވެދެއްވައިފައިވެއެވެ. 

                ސަރުކާރުގެ އެއްބާރުލެއްވުން ލިބިގެން، މުޙަންމަދު ޢަބްދުލްޤާދިރުގެ އަަމިއްލަަފުޅު ހައިސިއްޔަތުން، މައިކްރޯސޮފްޓާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިގެން، މައިކްރޯސޮފްޓް ވިންޑޯޒް އެކްސް.ޕީ. ގައި ދިވެހިބަސް، ބަހެއްގެ ގޮތުގައި ބޭނުންކުރެވޭނެގޮތް ތަޢާރުފު ކުރެއްވުމަށް ކުރެއްވި މަސައްކަތުން، އެހެން ބަސްބަހެކޭ އެއްގޮތަށް، ތާނަ ލިޔުމަށް ވަކި ސޮފްޓްވެއަރއެއް ބޭނުންނުކޮށް، ވިންޑޯޒްގެ ތެރެއިން މުޅި ދުނިޔެއަށް ތާނައަކުރު (ދިވެހިބަސް) ތަޢާރުފުކުރެވި، މިކަމާ ގުޅިގެން، އިންޓަރނެޓްގައި ދިވެހިބަހުން އީމޭލް ކުރެވޭނެ މަގު ފަހިވެގެން ގޮސްފައިވެއެވެ.