އަލްފާޟިލް ޢައްބާސް އިބްރާހީމް
މ. ސިލްވަރ ކްލައުޑް

                  ޢައްބާސް އިބްރާހީމަކީ، ރާއްޖޭގައި ނޫސްވެރިކަމުގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް، މިޒަމާނުގެ ނޫސްވެރިކަން ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައި މުހިންމު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. މަދްރަސީ ޙަޔާތުގައި އަމިއްލަފުޅަށް ނޫހާއި މަޖައްލާ ލިޔުއްވަަަަަަައިގެން، އެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 1959 ގައި ދުވަހުނޫސް "ވިޔަފާރި މިއަދަ"ށް ލިޔުއްވަން ފެށްޓެވިއެވެ. ނޫސްވެރިކަމުގެ ރޮނގުން ޢައްބާހުގެ އެންމެ މުހިންމު އިސްނެންގެވުމަކީ، 1960 ގައި، ޢައްބާހުގެ އެޑިޓަރުކަމުގެ ދަށުގައި ނެރުއްވަން ފެށްޓެވި "ފަތިސް" ނޫހެވެ. "ފަތިސް" ނޫހަކީ، އެދުވަސްވަރު ރާއްޖޭގެ ނޫސްވެރިކަން ތަރައްޤީ ކުރުމަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދިން، މަޢުލޫމާތާއި ޚަބަރުގެ ގޮތުން ދިވެހިންނަށް ވަރަށްބޮޑު ހޭލުންތެރިކަމަކާއި، ކުރިއެރުމެއްް ގެނެސްދިން ނޫހެކެވެ. ޢައްބާހަކީ، މާލޭގައި ޝާއިޢުކުރެވުނު "މޫންލައިޓް"، "ސިނަމާ"، "މިދުވަސްވަރު"، "ވަގުތު" ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވައިފައިވާ ބޭފުޅެކެވެ. 1960ގެ ތެރޭގައި މަހަކު އެއްފަހަރު ޝާއިޢު ކުރެވުނު "މާލޭ ޓައިމްސް"ގެ ސެކްރެޓެރީކަންވެސް ޢައްބާސް ކުރެއްވިއެވެ. ޢައްބާހުގެ ނޫސްވެރިކަމުގެ ޚިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ، ޢައްބާހުގެ މަސްއޫލުވެރިކަމުގެ ދަށުގައި ނެރުއްވަމުން ގެންދަވާ "އާފަތިސް" ނޫހެވެ. މި ނޫސް ނެރުއްވަން ފެށްޓެވީ 8 ޖުލައި 1979 ގައެވެ. މި ނޫހުގެ ރޭއްވެވުމާއި ހިންގެވުމުގެ އިތުރުން ޢައްބާހަކީ، ނޫހަށް ވަރަށް ގިނައިން ލިޔުއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. ނޫސްވެރިކަން ކުރިއެރުވުމުގެ ތަފާތު ކޯސްތައް އާފަތިހުގެ ފަރާތުން ހިންގާފައި ވެއެވެ.

                  ޢައްބާހުގެ ނޫސްވެރިކަމުގެ ޚިދުމަތް، "މާލޭ ސިނެކޯ ރޭޑިއޯ" އިން ފެށިގެން، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާއަށްވެސް ލިބެމުން ދެއެވެ. އަދި ޓީވީ މޯލްޑިވްސަށާއި، އެކިއެކި މަޖައްލާތަކަށް ޢައްބާހުގެ ނޫސްވެރިކަމުގެ ޚިދުމަތް ވަަރަށް ބޮޑަށް ލިބިފައި ވެއެވެ.

                  ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1985 ގައި، ޢައްބާހަށް ލިބިވަޑައިގެންފައި ވެއެވެ.