އަލްފާޟިލް އަޙްމަދު ލަޠީފް
ހ. ސީވީޑް

 

ފޮރިން ސެކްރެޓެރީ އަލްފާޟިލް އަޙްމަދު ލަޠީފް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމެވެ. 1982 ވަނަ އަހަރު އަޙްމަދު ލަޠީފް، އިންޑިއާގެ ލާލް ބަހަދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީ އޮފް އެޑްމިނިސްޓްރޭޝަން އިން ފޮރިން ސަރވިސް ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު، ޖަރުމަނުވިލާތުގައިވެސް ފޮރިން ސަރވިސްގެ ދާއިރާއިން އިތުރު ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމު ފުރުއްވިއެވެ.

ޚާރިޖީ ދާއިރާގައި އަޙްމަދު ލަޠީފް ގިނަ އަހަރުތަކެއް ހޭދަކުރައްވައިފައި ވަނީ، ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވަކިން ޚާއްޞަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) ފަދަ ސަރަޙައްދީ ޖަމުޢިއްޔާތަކާއެކު، ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގައެވެ. އެގޮތުން، ސާރކް އުފެއްދުމުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަޙްމަދު ލަޠީފެވެ. ސާރކްގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ސާރކްގެ ހިންގުމުގެ ވައްޓަފާޅި އެންމެ ބޮޑަށް އޭރު އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީވެސް އަޙްމަދު ލަޠީފެވެ.

އޭގެފަހުން، 1 އޮކްޓޫބަރު 1993 އިން ފެށިގެން 9 ޖޫން 1997އާ ހަމައަށް ސާރކް ސެކްރެޓޭރިއެޓުގައި ހުންނަ ދިވެހިރާއްޖޭގެ ޑިރެކްޓަރު ކަމުގެ މަގާމު އަޙްމަދު ލަޠީފް ފުރުއްވައިފައި ވެއެވެ. އެ މަގާމުގައި ހުންނެވިއިރު، އެ ޖަމުޢިއްޔާއިން ބޭއްވި އެކި ފެންވަރުގެ މުހިންމު ހުރިހާ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަޙްމަދު ލަޠީފް ބަލަހައްޓަވަމުން ގެންދެވީ، ސާރކް ޤައުމުތަކުގެ އިޖުތިމާޢީ މައްސަލަތަކާ ބެހޭ މަސައްކަތްތަކެވެ. މީގެ އިތުރުން، 1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު 5 ވަނަ ސާރކް ސަމިޓް ބޭއްވުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ވިލަރެސް ކުރެއްވީ އަޙްމަދު ލަޠީފެވެ. އަދި 1997 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު 9 ވަނަ ސާރކް ސަމިޓް ބޭއްވުމުގެ އެކި ކަންކަމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، އަޙްމަދު ލަޠީފް ވަނީ އ.ދ. އާއި، ނޮން އެލައިންޑް މޫވްމަންޓާއި، ކޮމަންވެލްތު އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އެކި ބައްދަލުވުންތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރައްވައިފައެވެ.

އަޙްމަދު ލަޠީފް، ސާރކް ސެކްރެޓޭރިއެޓުގައި ޑިރެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށްފަހު، ރާއްޖެއަށް އެނބުރި ވަޑައިގެން ޚިދުމަތް ކުރެއްވީ، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގައެވެ. 9 ޖޫން 1997 ން ފެށިގެން 11 ފެބުރުވަރީ 2004 އާ ހަމައަށް ޚިދުމަތް ކުރެއްވިއިރު، އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރ އޮފް އެކްސްޓަރނަލް ރިސޯސަސް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް އެކްސްޓަރނަލް ރިސޯސަސް ކަމުގެ މަގާމު ފުރުއްވިއެވެ. މި މަގާމުތަކުގައި ޚިދުމަތް ކުރެއްވިއިރު، އަޙްމަދު ލަޠީފް ވަނީ ބޭރުގެ ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އެދުވަސްވަރު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ އޯލްޓަރނޭޓް ގަވަރުނަރުގެ މަގާމު ފުރުއްވިއެވެ. އެ މަގާމުގައި ހުންނަވައިގެން، އަޙްމަދު ލަޠީފް ވަނީ ބޯޑް އޮފް ގަވަރުނަރުންގެ މެދުގައި ބޭއްވި އަހަރީ އާންމު ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އޭގެފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އަދި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް އަޙްމަދު ލަޠީފް ފުރުއްވިއެވެ.

2004 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ޤާއިމުކުރެވުނުއިރު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި އަޙްމަދު ލަޠީފް ހުންނަވައިގެން، ހައިކޮމިޝަން ޤާއިމުކުރުމުގައްޔާއި ހިންގުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. މި މަގާމުގައި 2007 ވަނަ އަހަރާ ހަމަޔަށް ދެމިހުންނެވިއެވެ. އަދި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް އެ މުއްދަތުގައި ވަނީ ކުރައްވައިފައެވެ.

އަޙްމަދު ލަޠީފަކީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. ފޮރިން ސަރވިސްގެ ތެރެއިން އެންމެ ފުރަތަމަ ޢައްޔަނު ކުރެވުނު "ކެރިއަރ ސަފީރުން"ގެ ތެރޭގައި އަޙްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން، 8 ޑިސެންބަރު 2007 ން ފެށިގެން 14 އެޕްރީލް 2012 އާ ހަމައަށް އެ މަގާމުގައި ދެމިހުންނެވިއެވެ. ސަފީރު ކަމުގެ މަގާމުގައި އަޙްމަދު ލަޠީފް ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ފުޅާވެގެންދިޔައެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ވެގެންދިޔައެވެ. ޗައިނާގެ ވިޔަފާރިވެރިންގެ ވަފުދުތައް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ޗައިނާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖެ ހުޅުވައިލައި، ގިނަ ފުރުޞަތުތަކެއް ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި އަޙްމަދު ލަޠީފް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަޙްމަދު ލަޠީފް 2019 ވަނަ އަހަރު ޢައްޔަނު ކުރެއްވީ، ޔޫރަޕްގެ އިއްތިޙާދާއި ޔޫރަޕްގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައެވެ. އެހެންކަމުން، އެކަމުގައި އަޙްމަދު ލަޠީފް ޙިކްމަތްތެރިކަމާއެކު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ހެޔޮ ނަތީޖާ ފެނިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ ވަބާއާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުރައްކަލާ ކުރިމަތިލާން ޖެހުނު ދުވަސްވަރު އަޙްމަދު ލަޠީފް ހުންނެވީ، ޖަރުމަނުވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގައެވެ. އަދި މިކަންކަމާ ގުޅިގެން އިރުމަތީ ޔޫރަޕްގައި ކިޔަވަން ތިބި ދިވެހި ކުދިންނަށާއި، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންނާއި އާއިލާތައް ރާއްޖެއަށް ގެނައުމުގައި ކުރިމަތިވި ދަތި އުނދަގޫ ދަނޑިވަޅުގައި ކުރެއްވި މުހިންމު މަސައްކަތްތައްވެސް ހަނދާންކޮށްލަން ޖެހެއެވެ. ޖަރުމަނުވިލާތުގައި ހުންނެވިއިރު، ރަޝިއާއާއި، ފިންލެންޑާއި، ސްވިޑްންއާއި، ޑެންމާކް އަދި ނޯވޭއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ހުންނެވީވެސް އަޙްމަދު ލަޠީފެވެ.

އަޙްމަދު ލަޠީފަކީ، 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން 14 މޭ 2022 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި ފުރަތަމަ ފޮރިން ސެކްރެޓެރީއެވެ. އެ މަގާމާ ހަވާލުވެވަޑައިގެން މިވީ ދުވަސްތަކުގެ ތެރޭގައި އަލަށް އެކުލަވައިލެވުނު ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ޤާނޫނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ކުރެއްވިއެވެ. އަދި މަސައްކަތަށް ޤާބިލް، ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއްގެ ގޮތުގައި، ދިވެހި ޚާރިޖިއްޔާއިން ދޭ ޚިދުމަތް ހިންގުމަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަޙްމަދު ލަޠީފަކީ، ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން އެކުލަވައިލެވުނު ފޮރިން ސަރވިސްގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ޗެއަރވެސް މެއެވެ.

އަޙްމަދު ލަޠީފަކީ، ޚާރިޖީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ކުޅިވަރަށް، ޚާއްޞަކޮށް، ޓޭބަލްޓެނިސް ކުރިއަށް ގެންދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތައް ކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. 2005 ވަނަ އަހަރު ނިއުދިއްލީގައްޔާއި، 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް، އެ ޤައުމުތަކުގައި ތިއްބެވި ޑިޕްލޮމޭޓުންނަށް އަމާޒުކުރައްވައިގެން ޓޭބަލްޓެނިސް މުބާރާތްތައް އިންތިޒާމު ކުރެއްވިއެވެ. އެކަމުގެ ސަބަބުން އެ ޤައުމުތަކުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީގެ ތެރޭގައި އެކުވެރިކަން އާލާވެ، އެއްބައިވަންތަކަން އިތުރުވެގެންދިޔައެވެ. ޓޭބަލްޓެނިސް ކުރިއަށް ގެންދެވުމަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އަޙްމަދު ލަޠީފަށް 2020 ވަނަ އަހަރު ވަނީ އަރުވައިފައެވެ.

އަޙްމަދު ލަޠީފް، ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީވެސް ޚާރިޖީ ދާއިރާގައެވެ. އެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރާއި 4 މަސް ދުވަސް ވެއްޖެއެވެ. ޚިދުމަތުގެ މި ދިގު މުއްދަތުގައި ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތު ދެމެހެއްޓެވުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި ދިވެހިންގެ ކުރިއެރުމަށްޓަކައި ޚާރިޖީ ދާއިރާގެ އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން އެންމެ އިސް ވަޒީފާއާ ހަމައަށް ނުހަނު އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މުހިންމު އަދި އަގުހުރި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ.