އަލްފާޟިލް އަޙްމަދު ޚަލީލް
ގ. އުތުރުގެ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ޚަލީލް، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެންބަރު 1981 ގައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެން، އެންމެ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމުގެ މަގާމެވެ. އޭރު އެ ޑިޕާޓްމަންޓް ހިނގަމުންދިޔައީ، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުންނެވެ. އެއަށްފަހު، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާރޑް ސެކްރެޓެރީގެ މަގާމަށް 15 ޖުލައި 1982 ގައި އަޙްމަދު ޚަލީލް ހަމަޖެއްސެވިއެވެ.

އަޙްމަދު ޚަލީލް ޚާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. އެންމެ ފުރަތަމަ ހަމަޖެއްސެވީ، އެ މިޝަންގެ ތާރޑް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އެއީ، 6 ޖަނަވަރީ 1985 ގައެވެ. މި މަގާމުގައި ހުންނަވައިގެން 3 އަހަރާއި 4 މަސްދުވަހު ޚިދުމަތް ކުރެއްވިއެވެ. އޭގެ ފަހުން، ސެކަންޑް ސެކްރެޓެރީގެ މަގާމުގައި 21 ޖުލައި 1990 އިން ފެށިގެން 30 ސެޕްޓެންބަރު 1991 އަށް ޚިދުމަތް ކުރެއްވިއެވެ. އަދި 24 އޮގަސްޓު 1994 ގައި ފަސްޓް ސެކްރެޓެރީގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، 2006 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް އަޙްމަދު ޚަލީލް، އެ މިޝަންގައި އެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވިއެވެ. އެ މުއްދަތުގެ ތެރޭގައި ދާއިމީ މިޝަންގެ އެންމެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން، ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ ގޮތުގައި ހުންނެވީ، އަޙްމަދު ޚަލީލެވެ. އެއަށްފަހު، 3 ޑިސެންބަރު 2007 ގައި، އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް އަޙްމަދު ޚަލީލް ޢައްޔަނު ކުރެއްވިއެވެ. ފޮރިން ސަރވިސްގެ ތެރެއިން އެންމެ ފުރަތަމަ ޢައްޔަނު ކުރެވުނު "ކެރިއަރ ސަފީރުން"ގެ ތެރޭގައި އަޙްމަދު ޚަލީލް ހިމެނިވަޑައިގަންނަވައެވެ.

އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ތާރޑް ސެކްރެޓެރީގެ މަގާމުން ފެށިގެން، ސަފީރު ކަމުގެ މަގާމާ ހަމައަށް ކޮންމެ މަގާމެއްގައި ހުންނަވައިގެން އަޙްމަދު ޚަލީލް ޚިދުމަތް ކުރެއްވިއެވެ. އަޙްމަދު ޚަލީލް، ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. އ.ދ.ގެ އާންމު މަޖިލީހުގެ 27 ސެޝަނެއްގައި ރާއްޖޭގެ ވަފްދުގައި އަޙްމަދު ޚަލީލް ހިމެނިވަޑައިގެންނެވިއެވެ. ކެރިއަރ ފޮރިން ސަރވިސް އޮފިސަރުންގެ ތެރެއިން ޖުމުލަކޮށް އެންމެ ގިނަ ސެޝަންގެ ވަފްދުގައި ހިމެނިވަޑައިގަތް ބޭފުޅަކީވެސް އަޙްމަދު ޚަލީލެވެ. މި މުއްދަތުގައި ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާކުރުވަނިވި ގިނަ މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވިއެވެ.

3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާ ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ދަނޑިވަޅުގައްޔާއި، 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހިތާމަވެރި ވަގުތުގައި، އޭރުގެ ދާއިމީ މަންދޫބާއި އެހެން ޑިޕްލޮމޭޓުންނާ އެކުގައި މި ދެ ހާދިސާގެ މަޢުލޫމާތު އ.ދ.ގެ މައި އިދާރާއަށާއި، އެހެން ޤައުމުތަކަށް ފޯރުކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަޙްމަދު ޚަލީލް އަދާކުރެއްވިއެވެ. ހަމަ އެއާއެކު، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރާއްޖެއިން އ.ދ.ގެ އާންމު މަޖިލީހަށް 1989 ވަނަ އަހަރާއި، 1991 ވަނަ އަހަރާއި، 1994 ވަނަ އަހަރު ހުށަހެޅި ޤަރާރުގެ މަސައްކަތްތައް ވިލަރެސް ކުރެއްވީވެސް އަޙްމަދު ޚަލީލެވެ.

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް 1997 ގައި އ.ދ. މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެން، 1 ޖަނަވަރީ 2008 ގައި ރާއްޖެ ގްރެޖުއޭޓްވެ، 3 އަހަރުގެ "ސްމޫތު ޓްރާންޒިޝަން ޕީރިއަޑް" ފެށުމާ ހަމައަށް އެ މަސައްކަތްތައް އެންމެ ގާތުން ބެލެހެއްޓެވި އެއް ބޭފުޅަކީވެސް އަޙްމަދު ޚަލީލެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ޤައުމެއް އުނިވުމަށްފަހުގައިވެސް، އެ ޤައުމަކަށް ކުރިން ލިބެމުންދިޔަ ބައެއް ލުއިތައް ލިބެމުންދާނޭ ގޮތް ހަމަޖެއްސުމަށާއި، އ.ދ.ގެ އެހީ، އެ ޤައުމުތަކަށް ލިބެމުންދާނޭ ގޮތަށް "ސްމޫތު ޓްރާންޒިޝަން ސްޓްރެޓަޖީ"އެއް ކަނޑައެޅުމުގައި ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ޚަލީލް ކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މިޝަންގެ މަސައްކަތްތަކުގެ މަޢުލޫމާތާއި، ރާއްޖެއާ ބެހޭ މަޢުލޫމާތު، ބައިނަލްއަޤްވާމީ ފަރާތްތަކާ އެންމެ ފުރިހަމައަށް ހިއްސާކުރުމުގެ ބޭނުންތެރިކަން ވިސްނިވަޑައިގެން، މިޝަންގެ ވެބްސައިޓެއް، 1996 ވަނަ އަހަރު އަމިއްލަފުޅަށް ތައްޔާރުކުރެއްވިއެވެ. އެ ދުވަސްވަރަކީ، ނިއުޔޯކްގައި ހިނގަމުންދިޔަ ކުދި ޤައުމުތަކުގެ މިޝަންތަކުގެ ތެރެއިން އެއްވެސް ޤައުމެއްގެ މިޝަންގެ ވެބްސައިޓެއް ތަޢާރުފު ކުރެވިފައިވާ ދުވަސްވަރެއް ނޫނެވެ. އަދި އޭރު ރާއްޖޭގައިވެސް ވެބްސައިޓް ހަދައި، ބޭނުންކުރަމުން ގެންދިޔައީ، މަދު އޮފީހަކުންނެވެ.

އަޙްމަދު ޚަލީލް، ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުގައި އ.ދ.ގައި ހުންނަވަނިކޮށް، 28 އޮކްޓޫބަރު 2009 ގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަޙްމަދު ޚަލީލަކީ ޖަޕާނަށް ޢައްޔަނު ކުރެވުނު ދެވަނަ ސަފީރެވެ. އަދި ރިޕަބްލިކް އޮފް ކޮރެއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި 18 އެޕްރީލް 2013އިން 16 އޮކްޓޫބަރު 2019 އާ ހަމައަށް ދެމިހުންނެވިއެވެ. ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ ގޮތުގައި ހަމަޖެއްސެވުމުގެ ކުރިން، ޖަޕާނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ސަރުކާރުން ނިންމަވައި، އެ އެމްބަސީ ގާއިމުކުރުމުގެ މަސައްކަތްތައް ކުރެއްވުމަށް 2006 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އަޙްމަދު ޚަލީލް ޖަޕާނަށް ފޮނުއްވިއެވެ. މިއީ، އުތުރު އިރުމަތީ އޭޝިއާގައި ހުޅުވި ރާއްޖޭގެ ފުރަތަމަ އެމްބަސީއެވެ. 10 މޭ 2007 ގައި އެ އެމްބަސީ ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ވިލަރެސް ކުރެއްވީވެސް އަޙްމަދު ޚަލީލެވެ.  

ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުގެ ގޮތުގައި ހޭދަކުރެއްވި 7 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން މަތީ ހަރުފަތަކަށް ގެންދެވުމަށް ގިނަ ގުނަ މަސައްކަތްތަކެއް އަޙްމަދު ޚަލީލް ކުރެއްވިއެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާއި، 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބިންހެލުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެހީގެ ގޮތުގައި، ޖަޕާނަށް 7 ލައްކައަށްވުރެ ގިނަ މަސްދަޅު ހަދިޔާކުރުމުގެ މަސައްކަތް، އަޙްމަދު ޚަލީލް ވިލަރެސް ކުރެއްވިއެވެ. ހަމައެއާއެކު، ދިވެހީން ބާނާ މަހާއި މަހުގެ ބާވަތްތައް އިޝްތިހާރު ކުރުމަށާއި، ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ޖަޕާނުގެ އެކި ސިޓީތަކުގައި ބޭއްވުނު ޓްރޭޑް ފެއަރތަކުގައި، އާ ކަންތައްތައް ތަޢާރަފު ކުރެއްވިއެވެ. އެ ދުވަސްވަރު ރާއްޖެ އޮތީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރަން ނިންމާފައިކަމުން، ހިލޭ އެހީ ހޯދުމަކީ ފަސޭހަކަމެއް ކަމުގައި ނުވި ނަމަވެސް، އަޙްމަދު ޚަލީލް ކުރެއްވި މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ތަރައްޤީގެ ތަފާތު ބޮޑެތި މަޝްރޫޢުތައް، ޖަޕާނުގެ ހިލޭ އެހީގައި ހިންގުމަށް މަގުފަހިވެ ހަމަޖެހިގެން ދިޔަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު ޚަލީލަކީ ޖަޕާނު ބަހުން ފަރިތަކަމާއެކު ވާހަކަދައްކަވާ ބޭފުޅެކެވެ. ޖަޕާނު ބަސް ދަސްކުރެއްވީ، 1993 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެއްވި ފުރުޞަތެއްގައި ޖަޕާނުގެ ކިޓައުރަވާގައި ހުންނަ ޖަޕާން ފައުންޑޭޝަނުގައެވެ.

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަ ސަފީރުކަމުގެ މަގާމު ފުރުއްވުމަށްފަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓަރަލްގެ މަގާމަށް 3 އޮކްޓޫބަރު 2016 ގައި އަޙްމަދު ޚަލީލް ހަމަޖެއްސެވިއެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއެކުގައި އޮންނަ ގުޅުންތައް ބައްޓަން ކުރައްވައި، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ދޭދޭ ޤައުމުތަކާއެކު ޕޮލިޓިކަލް ކޮންސަލްޓޭޝަންތައް ތަޢާރަފުކުރެއްވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް އަޙްމަދު ޚަލީލް ޢައްޔަނު ކުރެއްވީ، 22 ނޮވެންބަރު 2018 ގައެވެ. އެ މަގާމާ ހަވާލުވެވަޑައިގެން މިވީ 4 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ކާމިޔާބީތަކެއް ރާއްޖެއަށް ހޯއްދަވައި ދެއްވައިފައި ވެއެވެ. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބު ކުރުމަށް ކުރެވުނު ކެމްޕެއިންގައި ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވީ، އަޙްމަދު ޚަލީލެވެ. މި މަގާމަކީ މިހާތަނަށް ރާއްޖެއަށް ބައިނަލްއަޤްވާމީ ދާއިރާގައި ހޯދުނު އެންމެ މުހިންމު އެއް މަގާމެވެ. އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ތިންވަނަ ފަހަރަށް ހޯދުމަށް ކުރި ކެމްޕެއިންގެ ކެމްޕެއިން މެނޭޖަރަކީވެސް އަޙްމަދު ޚަލީލެވެ.

ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި، އެ ގުޅުންތަކަށް އަލުން އާރޯކަމެއް ގެނެސްދިނުމަށާއި، ވަރުގަދަ ޕާޓްނަރޝިޕްތަކަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގައި އަޙްމަދު ޚަލީލްގެ ދައުރު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިއުޔޯކުގައި ހުންނެވި މުއްދަތުގެ ތެރޭގައި، މިނިސްޓްރީގެ ކަންތައްތައް އެންމެ އިސްކޮށް ދުވަހުން ދުވަހަށް ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކީވެސް އަޙްމަދު ޚަލީލެވެ. ޚާރިޖީ ޚިދުމަތަށް ގެނެވުނު އެންމެ ހެޔޮ އެއް ބަދަލު ކަމުގައިވާ، ފޮރިން ސަރވިސްގެ ޤާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި، އަޙްމަދު ޚަލީލް އަދާކުރެއްވި ދައުރުވެސް ފާހަގަކޮށްލެވެއެވެ.

އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ މަދު ބޭފުޅުންގެ ތެރޭގައި އަޙްމަދު ޚަލީލް ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ ތަރައްޤީއަށާއި ދިވެހިންގެ ކުރިއެރުމަށާއި ހެވާއި ލާބައަށް، ނުހަނު އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި އަޙްމަދު ޚަލީލް ކުރައްވައިފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.