ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް
ގ. އެރިއަދޫ

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭކަލެކެވެ. 1988 ވަނަ އަހަރު ސިފައިންގެ ޕްރައިވެޓެއްގެ ގޮތުގައި ޢަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލަކީ، މިހާރު ސިފައިންގެ އެންމެ ސީނިއަރ ރޭންކް އަދި އެންމެ ސީނިއަރ އެޕޮއިންޓްމަންޓް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ޚިދުމަތުގެ ތެރެއިން، ސިފައިންގެ އެކި ދާއިރާތަކުގައި ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތައް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދިވެހި ސަރުކާރުން ބޭރުގެ ޢަސްކަރިއްޔާއަކަށް ފުރަތަމަ ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރުގެ ގޮތުން، 2005ން 2008 އަށް، އިންޑިއާގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވައި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި، ސިފައިންގެ ޕްރައިވެޓެއްގެ ގޮތުގައި ހުޅުލޭގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، 1998 ވަނަ އަހަރު ގާމާދޫ ޖަލު ރޯކޮށްލި ހާދިސާއާއި، 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ގެނައުމަށް ހިންގި ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރާއި، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި މަސައްކަތްތަކުގައި، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެމެރިކާގެ ފޯޓް ބެނިންގ އަދި އިންޑިއާގެ ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖް، ވެލިންގޓަން ފަދަ ދުނިޔޭގެ ކުރިއަރައިފައިވާ ޢަސްކަރީ ތަމްރީނު މަރުކަޒުތަކުން ތަމްރީނު ހާސިލުކުރައްވައިފައެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތާއި އަދި އިންޑިއާއިން 3 މާސްޓަރޒް ޑިގްރީ ހާސިލުކުރައްވައިފައިވާއިރު، މީގެތެރެއިން އެމެރިކާގެ ވޮޝިންގޓަންގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ފުރިހަމަކުރެއްވި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒް ޕުރޮގުރާމުން 4.0ގެ ގްރޭޑް ޕޮއިންޓް އެވްރެޖް ހޯއްދަވައި، ކޯހުގެ "ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓް" މަގާމު ހާސިލުކުރައްވައިފައި ވެއެވެ. އަދި ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ދަސްވެނިންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފް، 2022 އޮގަސްޓު 9 ވަނަ ދުވަހު ވަނީ ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލަށް އަރުވައިފައެވެ.

11 ޑިސެންބަރު 2018 ގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢަބްދުﷲ ޝަމާލް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުން ޢަސްކަރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ހާސިލުކުރެއްވުމަށްޓަކައި ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، ޤައުމީ ދިފާޢީ ބާރުގެ ފޯސް ސްޓްރަކްޗަރ އާއި، އިދާރީ އަދި ކޮމްބެޓް ސަޕޯޓާއި، ކޮމްބެޓް ސަރވިސް ސަޕޯޓްގެ ނިޒާމު ބައްޓަން ކުރެއްވުމުގެ ވިސްނުންފުޅުގެ ދަށުން "ޑޮކްޓްރިން އެންޑް ރިފޯމް ކޮމިޓީ" އެކުލަވައިލައްވައި، މި ކޮމިޓީގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި މި ކޮމިޓީގެ މަސައްކަތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ޖޮއިންޓް ޑޮކްޓްރިންތަކާއި، ސަރވިސްތަކުގެ ޑޮކްޓްރިންތަކަށް މަގުދައްކައިދޭ އެންމެ އިސް ޑޮކްޓްރިންއެއްގެ ގޮތުގައި "ކެޕްސްޓޯން ޑޮކްޓްރިން" ވަނީ 2019 ވަނަ އަހަރު އެކުލަވައިލައްވައިފައެވެ. އަދި މި ޑޮކްޓްރިންގެ އަލީގައި ދިވެހި ޢަސްކަރިއްޔާ، ޒަމާނީ ޢަސްކަރިއްޔާއަކަށް ބަދަލުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އެގޮތުން، ޢަސްކަރީ ޤާބިލުކަން އިތުރުކުރެއްވުމަށާއި، ސިފައިންގެ ޢިލްމާއި ތަމްރީނުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށާއި، ޒަމާނީ ޕްރޮފެޝަނަލް ޢަސްކަރިއްޔާއަކަށް އެކަށޭނަ ޢަސްކަރީ ސިސްޓަމްތަކާއި އުސޫލުތަކާއި، އިޖުރާޢަތުތައް އެކުލަވައިލެއްވުމުގައި އިސްނަންގަވައިގެން ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ލޯތްބާއި ރުހުން ލިބިފައިވާ އަދި ދިވެހި ދައުލަތުގެ ފުރިހަމަ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހެއްދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން މިވީ މުއްދަތުގެ ތެރޭގައި، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ސިފައިންގޭގައި އިޚުލާޞްތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 13 ކުލައާއި، 9 މެޑެލް އަރުވައިފައި ވެއެވެ. ލެފްޓިނަންޓް ޖެނެރަލް ޝަމާލަށް ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބީގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. ކާމިޔާބީގެ ކުލަ ހަތަރުފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، އަދި މަތިވެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުގައި ކޮށްދެއްވައިފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަކީ، އެ މުއައްސަސާއާއި މުޅި ޤައުމު އެކަމަކަށްޓަކައި ފަޚުރުވެރިވާނޭ ޚިދުމަތްތަކެކެވެ.