އަލްފާޟިލާ އާމިނަތު ރަޝީދާ
ހ. ކެލާމާ ހިޔާ

އާމިނަތު ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1988 އެޕްރީލް 14 ވަނަ ދުވަހު، ޖަމާލުއްދީން ޕްރައިމަރީ ސްކޫލްގެ ސެކްރެޓެރީ ކަމުގެ ވަޒީފާއިންނެވެ. އަދި 1989 ސެޕްޓެންބަރު 2 ވަނަ ދުވަހުން ފެށިގެން ކަލާފާނު ސްކޫލްގެ ސެކްރެޓެރީ (ގްރޭޑް 2) ގެ މަގާމަށް ބަދަލުކުރެއްވި ހިސާބުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ކަލާފާނު ސްކޫލްގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ކަލާފާނު ސްކޫލްގައި ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރެއްވުމަށްފަހު، ކަލާފާނު ސްކޫލްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކަމުގެ ވަޒީފާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވައި، މިހާރުވެސް ހުންނެވީ، އެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލަވާ ހީވާގި މުވައްޒަފެއްގެ ގޮތުގައެވެ.

2015 އިން ފެށިގެން އާމިނަތު ރަޝީދާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބިޑް ކޮމިޓީގެ މެންބަރެއްވެސް މެއެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ބިޑް ކޮމިޓީގެ ވައިސް ޗެއަރގެ މަސްއޫލިއްޔަތުވެސް އާމިނަތު ރަޝީދާ އަދާކުރައްވަމުން ގެންދަވައެވެ. މި ހުރިހާ މަސްއޫލިއްޔަތުތަކަކާއެކު، 2022 އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިރުޝާދުގެ ދަށުން ޖަމާލުއްދީން ސްކޫލްގެ ވަގުތީ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި 22 ޖޫން 2023ގެ ނިޔަލަށް ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ.

ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރެވޭގޮތާއި، ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓެވުމާއި، ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ސްކޫލަށް ހޯދާ ތަކެއްޗާއި، ދޭ ޚިދުމަތާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ވީ އެންމެ އަވަހަކަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، މަހުންމަހަށް ބަޖެޓް އަދާހަމަކުރައްވައި ބެލެހެއްޓެވުމަކީ، އާމިނަތު ރަޝީދާގެ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއެކު، ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ ތިން އަހަރަށް ސްކޫލްގެ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ، އާމިނަތު ރަޝީދާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ސްކޫލްގެ އިދާރީ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، މަސައްކަތު ފެންވަރު ބަލާ ފޯމުތައް، ސިވިލް ސަރވިސްއިން ކަނޑައަޅުއްވައިފައިވާ އުސޫލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކުރެއްވުމާއި، ރިވިއު ކުރައްވަމުން ގެންދެވުމާއި، ކޮންމެ އަހަރެއްވެސް ފެށުމުން، ސްކޫލްގެ އިދާރީ މުވައްޒަފުންގެ ޗުއްޓީ ތާވަލު އެކުލަވައިލައްވައި، އިދާރީ މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތްތައްވެސް ބަލަހައްޓަވަމުން ގެންދަވައެވެ.

ސްކޫލްގެ މާޙައުލަކީ ދަރިވަރުންނަށް ކިޔެވުމަށް ފަހި، އަދި ޞިއްޙީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައްވެސް ސްކޫލްގެ އިދާރާގެ އެހީތެރިކަމާއެކު އާމިނަތު ރަޝީދާ ކުރައްވަމުން ގެންދަވައެވެ.