އަލްފާޟިލް ޙުސައިން ރިޔާޟް
މ. ނީނާ

ޙުސައިން ރިޔާޟް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 މާރިޗު 1988 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއަރފީލްޑް ޓެކްނީޝަން (ޓްރޭނީ)ގެ ވަޒީފާއެވެ. އޭގެފަހުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެއަރފީލްޑް ލައިޓިންގ ޓެކްނީޝަން ގްރޭޑް 3 ކަމާއި، އެއަރފީލްޑް ލައިޓިންގ ޓެކްނީޝަން ގްރޭޑް 2 ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިލެކްޓްރިޝަން ގްރޭޑް 1 ކަމާއި، އިލެކްޓްރިޝަން ގްރޭޑް 2 ކަމާއި، އިލެކްޓްރިޝަން ގްރޭޑް 3 ކަމާއި، ސީނިއަރ ރޭޑިޔޯ ޓެކްނީޝަން ގްރޭޑް 1 ކަމާއި، ސީނިއަރ ރޭޑިޔޯ ޓެކްނީޝަން ގްރޭޑް 2 ކަމާއި، ސީނިއަރ ރޭޑިޔޯ ޓެކްނީޝަން ގްރޭޑް 3 ގެ މަގާމު ފުރުއްވައިފައި ވެއެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި ޙުސައިން ރިޔާޟް ޚިދުމަތް ކުރައްވައިފައި ވަނީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާގައެވެ. މިހާރު ހުންނެވީ، އެ ކުންފުނީގެ އެސިސްޓެންޓް އިންޖިނިއަރެއްގެ މަގާމުގައެވެ.

ޙުސައިން ރިޔާޟް ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގެ ތެރެއިން 18 އަހަރު މަސައްކަތް ކުރައްވައިފައި ވަނީ، އެއަރ ފީލްޑްގައެވެ. މިގޮތުން، ރަންވޭގެ ލައިޓިންގ މަސައްކަތް ކުރައްވައިފައި ވަނީ، ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވައިގެންނެވެ. އެއަރޕޯޓްސް ކޮމްޕެނީގައި ޙުސައިން ރިޔާޟް މިހާރު އަދާކުރައްވަމުން ގެންދަވާ ވަޒީފާގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތަކީ، ޓެލެފޯން ބެލެހެއްޓެވުމުގެ މަސައްކަތާއި، ސިގްނަލް ކޭބަލްގެ މަސައްކަތެވެ. ޙުސައިން ރިޔާޟް ވަނީ، މަސައްކަތާ ގުޅޭގޮތުން އިތުރު ތަމްރީނުތައް އެކިފަހަރު މަތިން ރާއްޖެއިން ބޭރުން ހޯއްދަވައި ފުރިހަމަކުރައްވައިފައެވެ.

ޙުސައިން ރިޔާޟް ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް ރީތިނަން ހޯއްދަވައި ދެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، މިނިވަން ދުވަހާ ގުޅިގެން ބާއްވާ ފުޅަނދުބުރުގައި ބައިވެރިކުރާ އެމް.އޭ.ސީ.އެލް.ގެ ފްލޯޓް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ވަރަށް ފުރިހަމަ ފްލޯޓްތަކެއް ތައްޔާރުކުރައްވައިފައި ވެއެވެ. އަދި އިންޓަރ އޮފީސް ސޮފްޓް ބޯލް ކްރިކެޓް މުބާރާތް، ހަތަރު އަހަރު ކުންފުންޏަށް ކާމިޔާބު ކޮށްދެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިންޓަރ އޮފީސް ބާސްކެޓް މުބާރާތް، ދެ އަހަރު ކުންފުންޏަށް ކާމިޔާބު ކޮށްދެއްވުމުގައްޔާއި، ސަރުކާރު މުވައްޒަފުންގެ ނާދީގައި ބޭއްވި އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް، ދެ އަހަރު ކާމިޔާބުކޮށްދެއްވައި، ވިދިވިދިގެން ދެ އަހަރު ޗެމްޕިއަންކަން ހޯއްދަވައި ދެއްވައި، އޮފީސްތަކުގެ މެދުގައި ބޭއްވި ރެފްރީޒް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ދެ އަހަރު ހޯއްދަވައި ދެއްވުމުގައި، ޙުސައިން ރިޔާޟްގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.