އަލްފާޟިލް މުޙައްމަދު އިސްމާޢީލް
އާހިޔާ ޅ. ނައިފަރު

މުޙައްމަދު އިސްމާޢީލް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 މާރިޗު 1988 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކްލީނިންގ އެންޑް ޕެކިންގގެ ޓްރާންސްޕޯޓަރ ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 2 ކަމާއި، ޕްރޮޑަކްޝަން ރިލޭޓެޑް ސަރވިސްގެ ޖޫނިއަރ މެކޭނިކް ގްރޭޑް 3 ކަމާއި، ކޭނަރީ ފްލޯރގެ ޖޫނިއަރ މެކޭނިކް ކަމާއި، ކޭނަރީ މެއިންޓެނަންސް ޔުނިޓުގެ ސީނިއަރ މެކޭނިކްކަން ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ފެލިވަރު ކޭނަރީގައި ޢަމަލީގޮތުން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއްގައި މުޙައްމަދު އިސްމާޢީލް ބައިވެރިވެވަޑައިގެންފައި ވެއެވެ. ސީނިއަރ މެކޭނިކެއްގެ މަގާމާ ހިސާބަށް ވަޑައިގެންނެވުމާ ހަމައަށް، ކޭނަރީގައި ކުރައްވަން ޖެހިވަޑައިގެންނެވި މެކޭނިކަލް ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މުޙައްމަދު އިސްމާޢީލަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، ކަމަށްކަމޭހިއްތަވައިގެން ކުރައްވައި ނިންމަވާ މުވައްޒަފެކެވެ. އަދި މުޙައްމަދު އިސްމާޢީލަކީ، ފެލިވަރުގައި ކުރާ މެކޭނިކަލް މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ މުވައްޒަފެއްވެސް މެއެވެ.

މުޙައްމަދު އިސްމާޢީލަކީ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މުވައްޒަފުންނަށް ތަމްރީނު ދެއްވައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށްވެސް އެ ދާއިރާގެ މެކޭނިކަލް މަސައްކަތްތައް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ފެލިވަރަކީ ދަޅުގައި މަސްބަންދުކުރުމުގެ މަސައްކަތްކުރާ ތަނަކަށްވެފައި، އެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ މެޝިނަރީތައް ބެލެހެއްޓުމާއި، މަރާމާތު ކުރުމާއި، އޯވަރހޯލް ކުރުންފަދަ ގިނަ މަސައްކަތްތައް ކުރަމުން ގެންދަނީ މުޙައްމަދު އިސްމާޢީލްގެ ބެއްލެވުމުގެ ދަށުންނެވެ.

މުޙައްމަދު އިސްމާޢީލަކީ، ފެލިވަރުގައި ބޭނުންކުރާ އެކިއެކި މެޝިންތައް، އެ ދުވަހެއްގެ މަސައްކަތް ފެށެންވާއިރަށް ތައްޔާރީ ހާލަތަކަށް ގެންނެވުމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވައިފައިވާ، އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.