ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމް
ދިލްބަހާރުގެ އދ. ދަނގެތި

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމަކީ، މެދުނުކެނޑި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭކަލެކެވެ.

1988 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ސިފައިންގެ ޕްރައިވެޓެއްގެ ގޮތުގައި ވަޒީފާއާ ގުޅިވަޑައިގެންނެވި ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމަކީ، މިހާރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެންލިސްޓެޑް ކޯރގެ އެންމެ ސީނިއަރ ރޭންކް ކަމަށްވާ، ކޮމާންޑް ސާރޖަންޓް މޭޖަރ ރޭންކުގެ ބޭކަލެކެވެ. ގިރިފުށީގައި ފުރިހަމަކުރެއްވި ތަމްރީނަށްފަހު، އަޙްމަދު އިބްރާހީމް ފުރަތަމަ މަސައްކަތް ކުރައްވައިފައި ވަނީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ "ރިޓްރީޓް އައިލެންޑް" އާރަށުގެ ޑިއުޓީއަށް ބަދަލުކުރެއްވިއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމް، ސިފައިންގެ ޚިދުމަތުގެ ބޮޑުބައި ހޭދަކުރައްވައިފައި ވަނީ، ޢިއްޒަތްތެރިންގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައެވެ. އެގޮތުން، އާރަށުގެ ޑިއުޓީގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ޢާއިލާއާ ދުރުގައި މިފަދަ ޒިންމާދާރު ޑިއުޓީއެއްގައި، އެހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަކީ، އަޙްމަދު އިބްރާހީމް ޤައުމީ ޚިދުމަތަށް ދެއްވި އިސްކަމާއި ލޯބި ހާމަކޮށްދޭ ކަމެކެވެ.

އާރަށުގެ ޑިއުޓީގައި ހޭދަކުރެއްވި މުއްދަތުގައި، އާރަށު އެން.ސީ.އޯ. އިންޗާރޖްގެ އެހީތެރިޔާގެ މަގާމާއި، އެން.ސީ.އޯ. އިންޗާރޖްގެ މަގާމުގައި ހުންނަވައިގެން، އާރަށުގައި ކުރެވުނު ޢުމްރާނީ ތަރައްޤީއާއި، އެހެނިހެން ކަންކަމުގައި، އަޙްމަދު އިބްރާހީމް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ. އާރަށުގެ ޑިއުޓީއަށްފަހު، 2009 ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން، އެސް.ޕީ.ޖީ. އަދި ޕީ.ޖީ.ގެ އެޑްމިން އިންޗާރޖްގެ ގޮތުގައި ހުންނަވައިގެންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، 2019 ވަނަ އަހަރުން ފެށިގެން، ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބިއުރޯ އޮފް ދަ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ބިއުރޯ ސްޓާފެއްގެ ގޮތުގައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމަކީ، ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަށް ބޭނުންފުޅުވާ ޑިޒައިނިންގގެ މަސައްކަތްތަކުގެ އިތުރުން، ސިފައިންގެ އަހަރީ ޖަލްސާއަށް ބޭނުންވާ ޝީލްޑާއި ޕްލާކް ތައްޔާރުކުރުންފަދަ، ފަންނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ފަންނުވެރި ބޭކަލެކެވެ. އަދި ރެކްރޫޓް ޓްރޭނިންގގެ އިތުރުން، މެނޭޖްމަންޓް ކޯސްތަކާއި، ތަފާތު ވާރކްޝޮޕްތަކާއި، ސެމިނާރތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭކަލެއްވެސް މެއެވެ.

ޚިދުމަތް ކުރައްވަމުން ގެންދަވާ ދާއިރާގެ އިތުރުން، ކުޅިވަރުގެ ދާއިރާއިންވެސް ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު އިބްރާހީމް ވަނީ މުއައްސަސާ ފަޚުރުވެރިވާފަދަ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައެވެ. އެގޮތުން، މެނޭޖަރެއްގެ ގޮތުގައި ހުންނަވައިގެން، ސިފައިންގެ ބެޑްމިންޓަން ޓީމަށް ހޯއްދަވައި ދެއްވައިފައިވާ ކާމިޔާބީތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.