އަލްފާޟިލާ ނިޢުމާ ޢަބްދުލްމުޙްސިން
ދަފްތަރު. ނަންބަރު ރސ 4716، މާލެ

ނިޢުމާ ޢަބްދުލްމުޙްސިން، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްރެޓެރީ ކަމުގެ ވަޒީފާގައި 1988 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށްފަހު، 25 ފެބުރުވަރީ 1989 އިން 1 ފެބުރުވަރީ 1990 އަށް ޚިދުމަތް ކުރެއްވީ، އިސްކަންދަރު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އަދި 1 ފެބުރުވަރީ
1990 އިން 1 ޖޫން 2004އަށް ޚިދުމަތް ކުރެއްވީ، ކަލާފާނު ސްކޫލްގެ މުދައްރިސެއްގެ ގޮތުގައެވެ. ކަލާފާނު ސްކޫލްގައި 14 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، 1 ޖޫން 2004 އިން ފެށިގެން ކިޔަވައިދެއްވަމުން ގެންދެވީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. ނިޢުމާ ޢަބްދުލްމުޙްސިން މިހާރު ގެންދަވަނީ، އެ މަދަރުސާގެ ޤުރްއާން ލީޑިންގ ޓީޗަރެއްގެ ޒިންމާވެސް އުފުއްލަވަމުންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްރެޓެރީ ކަމުގެ ވަޒީފާ އަދާކުރެއްވިއިރު، ނިޢުމާ ޢަބްދުލްމުޙްސިން ފާހަގަކުރެވިފައިވަނީ، ފަރުވާތެރިކަމާއެކު މަސައްކަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މައިގަނޑު ގޮތެއްގައި ނިޢުމާ ކުރެއްވީ، ބަޖެޓް މެނޭޖް ކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކެވެ. އެގޮތުން، ބަޖެޓް ހިސާބުތައް ފޮތްތަކުގައި ލިޔުއްވުމާއި، ޓައިޕް ކުރެއްވުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ނިޢުމާ ޢަބްދުލްމުޙްސިނަކީ ކަމަށްކަމޭހިއްތަވައިގެން، ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވި ހުނަރުވެރި މުދައްރިސެކެވެ. ފިލާވަޅުތަކަށް ތައްޔާރުވުމުގައި އެންމެ އެކަށީގެންވާ ގޮތަށް ޓީޗިންގ އެއިޑްސް ތައްޔާރުކުރައްވައި، ދަރިވަރުން ޝައުޤުވެރިވާގޮތަށް ކިޔަވައިދެއްވާ ޓީޗަރެކެވެ. މީގެއިތުރަށް، ލީޑިންގ ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެށްޓެވުމުން، ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 7 ން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންގެ ޤުރްއާން މާއްދާގެ ޝަފަވީ އިމްތިޙާނާއި، ތަޙްރީރީ އިމްތިޙާނު ކަރުދާސް ތައްޔާރުކުރައްވައި، ޝަހާދާ ޘާނަވިއްޔާގެ ޝަފަވީ އިމްތިޙާނާއި، ޤުރްއާން ތަޙްރީރީ އިމްތިޙާނު ކަރުދާސްވެސް ތައްޔާރުކުރައްވަމުން ގެންދަވައެވެ.

ނިޢުމާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މަސައްކަތަކީ، އެކިއެކި ޤުރްއާން މުބާރާތްތަކަށް، ވަކިން ޚާއްޞަކޮށް، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް، އެއިރެއްގައި މަސައްކަތް ކުރެއްވި ކޮންމެ ސްކޫލެއްގެ ދަރިވަރުން ތައްޔާރުކޮށްދެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅެވެ. އެގޮތުން، ނިޢުމާއަކީ، ވަރަށްގިނަ އަދަދެއްގެ ކުދިންނަށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެއްވައިފައިވާ މުދައްރިސެކެވެ. އަދި މުބާރާތްތަކުން ދަރިވަރުންނަށާއި މަދަރުސާތަކަށް މަތީ ވަނަތައް ހޯއްދަވައި ދެއްވައިފައިވާ މުދައްރިބެކެވެ.

ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި، ނިޢުމާ، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގެ ގޮތުން، ދަސްކުރާ މުދައްރިސުންގެ ގޮތުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހޯދުމަށް ސްކޫލަށް އަންނަ މުދައްރިސުންނަށް ފިލާވަޅު ރާވައި، ލެސަން ޕްލޭން ލިޔެ އެކުލަވައިލާންވީ ގޮތުގެ މަޢުލޫމާތު ދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. މީގެ އިތުރަށް، 2017 އިން 2019 އަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، އިސްލާމް އަދި ޤުރްއާން މުދައްރިސް ކަމުގެ ކޯހުގެ ދަސްކުރާ މުދައްރިސުންގެ ޓީޗިންގ ޕްރެކްޓިކަލްގެ ގަޑިތައް އޮބްޒަރވް ކުރައްވައި، ފީޑްބެކް ދެއްވައިފައި ވެއެވެ. މީގެއިތުރަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޢަރަބިއްޔާ ސްކޫލްގައި ހިންގެވި ޤުރްއާން ކްލާސްތަކުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު ކިޔަވައިދެއްވައިފައި ވެއެވެ.

ނިޢުމާ ޢަބްދުލްމުޙްސިން ވަނީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ތިން އަހަރު ދުވަހުގެ ޤާރީ ކޯހާއި، ތިން އަހަރު ދުވަހުގެ ޤުރްއާން މުދައްރިސް ކަމުގެ ކޯހާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޑިޕްލޮމާ އިން ޓީޗިންގ ކޯސް ފުރިހަމަކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން ވިތު އޮނަރސްއާއި، މާސްޓަރ އޮފް ޓީޗިންގ އެންޑް ލަރނިންގ ފުރިހަމަކުރައްވައިފައެވެ.