އަލްފާޟިލާ ޢާއިޝަތު އަޙްމަދު މުޙައްމަދު
ކަށިމާވިލާ ހއ. ދިއްދޫ

ޢާއިޝަތު އަޙްމަދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމުގެ މަގާމުގައި 1 ފެބުރުވަރީ 1988 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރު (ދިވެހި) ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރު ކަމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރު ކަމާއި، ގްރެޖުއޭޓް ޓީޗަރު (ޕްރައިމަރީ) ކަމާއި، ޓީޗަރު (ދިވެހި) ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ޢާއިޝަތު އަޙްމަދު މުޙައްމަދު ވަޒީފާ އަދާކުރެއްވިއިރު، ހއ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ހއ. ތަކަންދޫ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލާއި، ހއ. އުތީމުބަންޑާރައިން ސްކޫލްގައި ވަނީ އެކި ގްރޭޑްތަކަށް ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައިދެއްވައިފައެވެ. އަދި އެކިއެކި ރަސްމިއްޔާތުތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމާއި، ޅެން ހެއްދެވުމާއި، ދީނީ އަދި އަދަބީ ކަންކަމަށް ދަރިވަރުން ތައްޔާރުކުރެއްވުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވީ، ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ކަމަށްކަމޭހިއްތަވައިގެންނެވެ. ޢާއިޝަތު އަޙްމަދު މުޙައްމަދު ވަނީ، ހދ. ހަނިމާދޫ ސްކޫލަށްވެސް ޚިދުމަތްކޮށްދެއްވައިފައެވެ.

ޢާއިޝަތު އަޙްމަދު މުޙައްމަދު ވަޒީފާ އަދާކުރެއްވި ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ހިއްސާކުރެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޢާއިޝަތު އަޙްމަދު މުޙައްމަދަކީ، ހާޒިރީއަށް ވަރަށް ފަރުވާ ބެހެއްޓެވި ބޭފުޅެކެވެ. ދުވަހަކުވެސް ގަޑިޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢާއިޝަތު އަޙްމަދު މުޙައްމަދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުންނާއި، ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ އިތުރުން، އެ ކޮމިޓީގެ ނައިބު ރައީސް ކަމުގެ މަގާމާއި، ޚަޒާންދާރުގެ މަގާމު އަދާކުރެއްވިއިރު، މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ޢާއިޝަތު އަޙްމަދު މުޙައްމަދު ކުރައްވައިފައި ވެއެވެ.