އަލްފާޟިލް މޫސާ ޒަކަރިއްޔާ
މ. ލައިޓްސިގްނަލް

މޫސާ ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 އޮގަސްޓު 1987 ގައެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައި ވަނީ، ޓެލެވިޜަން މޯލްޑިވްސްގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެކްނީޝަން ޓްރޭނީއެއްގެ މަގާމެވެ. އޭގެފަހުން އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ގްރޭޑް 1 ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ގްރޭޑް 2 ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 2 ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 3 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 3 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 4 ގެ މަގާމު ފުރުއްވައިފައި ވެއެވެ. އޭގެފަހުން އެސިސްޓެންޓް މެނޭޖަރ، ޓްރާންސްމިޝަން އެންޑް ރިޕެއަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

މޫސާ ޒަކަރިއްޔާ، ޓީ.ވީ. މޯލްޑިވްސްގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކޮންޓްރޯލް ރޫމާއި، ސްޓޫޑިއޯތަކުގެ ވީޑިއޯއާއި އޯޑިއޯ އަދި ކަރަންޓް ވަޔަރިންގ ޗެކްކުރައްވައި ބެލެހެއްޓެވުމާއި، ޓީ.ވީ.ގެ އޮންއެއަރގައި ޖެހޭ މައްސަލަތައް ޙައްލުކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ޓީ.ވީ.އެމް.ޕްލަސްގެ ނަމުގައި ޓީ.ވީ. މޯލްޑިވްސް އިން ހިންގެވި ޗެނަލް، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގޭގޭގައި ބެހެއްޓި ޑީކޯޑަރުތައް ބެހެއްޓުމުގެ މަސައްކަތްވެސް މޫސާ ޒަކަރިއްޔާ ކުރައްވައިފައި ވެއެވެ. އަދި ޓީ.ވީ. މޯލްޑިވްސްގެ އެކިއެކި އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމާއި، ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ޓްރާންސްމިޝަންތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި އެ ރަށްރަށަށް ވަޑައިގެން، އެ ކަމެއް ޙައްލުކުރައްވަމުން ގެންދަވައިފައި ވެއެވެ. އަދި ސްޓޭޝަންގައި ހުރި ކޮންމެ އިކުއިޕްމަންޓެއް ސަރވިސް ލޮގް ކުރެއްވުމާއި، ސަރވިސް ކުރެއްވުންވެސް މޫސާ ޒަކަރިއްޔާ އަދާކުރައްވާ ވަޒީފާގެ ޒިންމާގެ ތެރޭގައި ހިމެނެއެވެ.

މޫސާ ޒަކަރިއްޔާއަކީ، ރާއްޖެއިން ބޭރުން ކަމާގުޅޭ ތަމްރީނު ކޯސްތައް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޓީ.ވީ. މޯލްޑިވްސްގައި މިހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަކީ، މޫސާ ޒަކަރިއްޔާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ޓީ.ވީ. މޯލްޑިވްސްގައި ކަމަށްވުމުން، މިހާރުވެސް އެތާނގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ވަރަށް ޝައުޤުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ކަމަށްކަމޭހިއްތަވައިގެންނެވެ.

މޫސާ ޒަކަރިއްޔާގެ އުންމީދަކީ، ކައިރި މުސްތަޤްބަލެއްގައި މުޅި ރާއްޖެއަށް ޑިޖިޓަލް ސިގްނަލް ލިބިގެން ދިޔުމެވެ.