އަލްފާޟިލާ ޢާއިޝަތު ރުޝްދީ
ރަންހަދާގެ ސ. ހިތަދޫ

ޢާއިޝަތު ރުޝްދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 ފެބުރުވަރީ 1988ގައި މިނިސްޓްރީ އޮފް ހެލްތުގެ ކާތިބާއެއްގެ ވަޒީފާއިންނެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތުގެ ކާތިބާގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ 2 ނަންބަރު ކާތިބާ ކަމާއި، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ކާތިބާގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އޯ.ޕީ.ޑީ. ކޯޑިނޭޓަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އޭގެފަހުން، 24 ނޮވެންބަރު 2016 އިން ފެށިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ބަދަލުވެވަޑައިގެން، އެ އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ޢާއިޝަތު ރުޝްދީ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ސ. ގަމުގެ ޞިއްޙީ މަރުކަޒާއި، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގެ އިދާރީ މަސައްކަތާއި، އޯ.ޕީ.ޑީ.ގެ މަސައްކަތާއި، ޕަބްލިކް ހެލްތު ޔުނިޓުން ހިންގޭ މެޑިކަލް ކޭމްޕްތަކާއި، ވެކްސިން ކޭމްޕްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވައިފައި ވެއެވެ. މީގެއިތުރުން، ހޮސްޕިޓަލްގެ މެޑިކަލް ސްޓޮކާއި، އެހެނިހެން ތަކެތީގެ ސްޓޮކް ބެލެހެއްޓެވުމާއި، އަތޮޅުގެ އެހެން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވައިދިނުމުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ޢާއިޝަތު ރުޝްދީ ވަނީ ދިގު މުއްދަތެއް ވަންދެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިއުމަން ރިސޯސް ސެކްޝަންގައި މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތައް ހިމެނޭގޮތުން، ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި މަސައްކަތާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، އުސޫލުތަކާއި، އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރައްވައިފައި ވެއެވެ. އަދި ޑޮކްޓަރުންނާއި ރަޖިސްޓްރޭޝަންގައި ތިއްބަވާ މުވައްޒަފުންނާއެކު، އިތުރު ބައެއް އެހެނިހެން މުވައްޒަފުންގެ ޑިއުޓީ ތާވަލް ހައްދަވައި، މުވައްޒަފުންގެ ހާޒިރީގެ ރެކޯޑު ބަލަހައްޓަވައި، މުސާރަ ދިނުމަށް ރިޕޯޓް ތައްޔާރުކުރުންފަދަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

މީގެއިތުރުން، މިނިސްޓްރީއާ ހިއްސާކުރަންޖެހޭ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ މުހިންމު މަޢުލޫމާތާއި ރިޕޯޓުތައް ހިއްސާ ކުރައްވައިފައި ވެއެވެ. އަދި ތަޖުރިބާ ދަތުރުތަކުގައި ވަޑައިގަންނަވާ ޑޮކްޓަރުންނަށާއި، ކޮމިއުނިޓީ ހެލްތު ވާރކަރުންނަށާއި، ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހޯއްދަވާ އެހެނިހެން ދަރިވަރުންނަށް ޢަމަލީ މަސައްކަތުގެ މައިދާނަށް ނުކުންނަން ބޭނުންވާ އިދާރީ ދާއިރާގެ މަޢުލޫމާތު ފޯރުކޮށްދެއްވައި، އެ ބޭފުޅުންގެ ކަންކަން ގާތުން ބައްލަވައި އެހީތެރިވެދެއްވައިފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ޢާއިޝަތު ރުޝްދީ، ކައުންސިލް ބިއުރޯގައްޔާއި، ކައުންސިލް އިދާރާގެ އިދާރީ ސެކްޝަންގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އެގޮތުން، އެޕޮއިންޓްމަންޓް ހަމަޖެއްސެވުމާއި، އިދާރީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ވަރަށް ފުރިހަމައަށް ކުރައްވައިފައި ވެއެވެ.

ޢާއިޝަތު ރުޝްދީއަކީ، ޢިލްމާއި ހުނަރު ތަރައްޤީ ކުރެއްވުމަށް އަމިއްލަގޮތުން ހަރުދަނާގޮތެއްގައި މަސައްކަތް ކުރެއްވި، އޭގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕެވި ބޭފުޅެކެވެ. މުވައްޒަފުންގެ އިތުރުން، އާންމުންނަށް އެހީތެރިވެ ދެއްވައި، މަގު ދައްކަވައި ދެއްވައި، ތަޖުރިބާ ހޯދުމަށް އަންނަ ފަރާތްތަކަށް އެހީތެރިވެ ދެއްވި މުވައްޒަފެކެވެ. އަދި އޮފީސް މެދުވެރިވެގެން ކުރިއަށް ގެންދެވުނު ޖަމާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއްގައި ޢާއިޝަތު ރުޝްދީ ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.