އަލްފާޟިލް މޫސާ ޢީސާ
ދީފްރަމްގެ ޅ. ހިންނަވަރު

މޫސާ ޢީސާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ޖަނަވަރީ 1988 ގައެވެ. މޫސާ ޢީސާއަކީ، މަސްވެރިން އަތުން މަސްގަނެ، މަސް ފިނިކޮށް، ރައްކާކޮށް އަދި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މިހާރުވެސް
އެ ކުންފުނީގެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

މޫސާ ޢީސާ ފާހަގަކުރެވިފައި ވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެން، ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މޫސާ ޢީސާ ވަނީ އަމިއްލައަށް ކަންކަން ދަސްކުރައްވައި، މަސައްކަތް ކުރައްވާ ސެކްޝަންގައި ބޭނުންކުރާ މެޝިނަރީތައް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ހޯއްދަވައިފައެވެ. އަދި އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ ފަރާތްތަކަށް ތަމްރީނު ދެއްވައި، ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމަ އެއާއެކު، މޫސާ ޢީސާ މިހާ ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވިއިރު ފާހަގަކުރެވިފައިވަނީ، ހާޒިރީއަށާއި، މަސައްކަތަށް ފަރުވާތެރި، ވަގުތަށް ކަންކަން ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ.