އަލްފާޟިލް އިބްރާހީމް އިޤްބާލް
މ. އެވަރބްލޫ

އިބްރާހީމް އިޤްބާލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1988 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެލެވިޜަން މޯލްޑިވްސްގެ ޓެކްނީޝަން (ޓްރޭނީ) އެއްގެ ވަޒީފާއެވެ. އޭގެފަހުން، އެސިސްޓެންޓް ޓެކްނީޝަން ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ކަމާއި، ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަންކަން ކުރައްވައިފައި ވެއެވެ. އަދި ޓީ.ވީ. މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މެނޭޖަރ ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ޓީ.ވީ. މޯލްޑިވްސްއިން އުފައްދާ އެކިއެކި އުފެއްދުންތަކާ ގުޅޭ ޓެކްނިކަލް މަސައްކަތްތަކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، ޑިރެކްޓަރ، ޕީ.އެސް.އެމް. ކަނެކްޓް އެންޑް ޑިޖިޓަލް ބްރޯޑްކާސްޓް ނެޓްވަރކް އޮޕަރޭޝަންސްގެ މަގާމެވެ.

އިބްރާހީމް އިޤްބާލަކީ، ޕަބްލިކް ސަރވިސް މީޑިއާގެ އެޑިޓޯރިއަލް ޕޮލިސީއާއި، އާންމު މުޖުތަމަޢުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުންފުނީގެ ޗެނަލްތަކުން ފޮނުވާ ޕުރޮގުރާމުތައް، އުސޫލުތަކާ އެއްގޮތަށް ފޮނުވުމުގައި އެހީތެރިވެދެއްވައި، ރާއްޖޭގެ ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ކަމާ ގުޅުންހުރި ދާއިރާތަކުން ރާވައި ހިންގާ ދީނީ ދަރުސްތަކާއި ފޯރަމްތައް، ކުންފުނީގެ ރޭޑިއޯ އަދި ޓީ.ވީ. ޗެނަލްތަކުން ވަގުތުން ނުވަތަ ރެކޯޑުކޮށްގެން ދެއްކުމުގެ އިންތިޒާމުތައް، ކަމާގުޅޭ އެންމެހައި ޑިޕާޓްމަންޓްތަކާ ގުޅިގެން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުންފުނީގެ ރޭޑިއޯ އަދި ޓީ.ވީ. ޗެނަލްތައް މެދުވެރިކޮށް، ދީނީ ޕުރޮގުރާމުތައް އުފައްދައި ގެނެސްދިނުމަކީވެސް އިބްރާހީމް އިޤްބާލުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިގެން ބަލަހައްޓަވައިފައިވާ ކަންކަމެވެ.

އިބްރާހީމް އިޤްބާލް މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ޗެނަލްތަކުގެ ދުވަހުގެ ޝެޑިއުލްގައި ނުހިމެނޭ، ކުންފުންޏަށް މާލީ މަންފާ ލިބިދޭ ކަންކަމާއި، ކުންފުނީގެ ސީ.އެސް.އާރު.ގެ ދަށުން ކޮށްދޭންޖެހޭ ކަންކަމާއި، ސަރުކާރުގެ އިދާރާތަކަށް ކޮށްދެއްވަންޖެހޭ ޓެލެވިޜަން އަދި ރޭޑިއޯ ޕްރޮޑަކްޝަނާ ގުޅޭ އެންމެހައި ކަންކަން، ސޭލްސް އެންޑް މާކެޓިންގއާއި، ޕްރޮޑަކްޝަން ޓީމުތަކާ ގުޅިގެން ކުރެއްވުން ހިމެނެއެވެ.

އިބްރާހީމް އިޤްބާލް ވަނީ މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޓީ.ވީ. މޯލްޑިވްސް އިން ހިންގި ތަފާތު އެކިއެކި ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ބޮސްނިއާ ފަންޑަށް އެހީވުމަށް ސަރުކާރުން ހިންގި ހަރަކާތުގައްޔާއި، "ޓެލެތޯން"ގެ ނަމުގައި ހިންގި ހަރަކާތުގައްޔާއި، ސުނާމީ ކާރިސާގައި، ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތަކާ ގުޅިގެން، ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރައްވައި، ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.