އަލްފާޟިލާ ޢާއިޝަތު ނާޞިޙާ
ހ. ހީނާގަސްދޮށުގެ

ޢާއިޝަތު ނާޞިޙާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ އަޑުގެ ދެނަންބަރު ކާތިބާ ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އަޑުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް މެނޭޖަރުގެ މަގާމު އަދާކުރެއްވިއެވެ.

ޢާއިޝަތު ނާޞިޙާ، ދިވެހިރާއްޖޭގެ އަޑުގައި ފުރަތަމަ ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. އޭގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން ކޮންމެ އަހަރަކު ޢީދު ކުޅިވަރު ބޭއްވުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކުގައި ނާޞިޙާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފަންނާނުންގެ ޝޯ ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކުގައިވެސް ނާޞިޙާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ނާޞިޙާއަކީ، ދިވެހިރާއްޖޭގެ އަޑުން ބާއްވަވަމުން ގެންދެވި ޤުރްއާން މުބާރާތްތަކުގައްޔާއި، ލަވަ މުބާރާތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ރެކޯޑުތައް ބަލަހައްޓަވައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ނާޞިޙާ ފޯރުކޮށްދެއްވިއެވެ.

މީގެއިތުރުން، މިނިވަން 50 އާއި ޖުމްހޫރީ 30 ފާހަގަކުރުމަށް ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރެއްވުމުގައިވެސް ނާޞިޙާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢާއިޝަތު ނާޞިޙާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ އެގްޒެކެޓިވް ބިއުރޯގައެވެ. އެ ބިއުރޯގެ އިދާރީ މަސައްކަތްތައް ހިންގުމުގައި އެހީތެރިވެދެއްވައި، އިސްވެރިންގެ އެޕޮއިންޓްމަންޓްތަކާ ބެހޭ ކަންތައްތައް ބަލަހައްޓަވައި ދެއްވައި، ޕީ.އެސް.އެމް.ގެ އިސް މެނޭޖްމަންޓްގެ ބައްދަލުވުންތައް އިންތިޒާމުކޮށްދެއްވަމުން ގެންދަވައެވެ. އަދި އެގްޒެކެޓިވް ބިއުރޯގައި، ނާޞިޙާގެ ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވެދެއްވައި، ބިއުރޯއަށް ލިބޭ އެކިއެކި ލިޔުންތަކާބެހޭ އެންމެހައި ކަންކަން ނާޞިޙާ ބަލަހައްޓަވަމުން ގެންދަވައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު މިޒާޖުގެ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމީ، ނާޞިޙާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ތަޖުރިބާއެކެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތުގައި އުޅުއްވަމުން ގެންދެވިއިރު، ބައެއްފަހަރު އެކިއެކި ޑްރާމާތަކަށް އަޑުއަޅުއްވައި ދެއްވައި، އެ ޑްރާމާތަކުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން އުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުން އެއީވެސް ވަޒީފާގައި ކުރިއަށް ވަޑައިގަތުމަށް ނާޞިޙާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ.

ޢާއިޝަތު ނާޞިޙާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.