އަލްފާޟިލް މުޝްތާޤު ފިރާޤު
މއ. މުތީ

މުޝްތާޤު ފިރާޤު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 ޖުލައި 1987 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ އިންސްޓްރަކްޓަރ ޓްރޭނީއެއްގެ ވަޒީފާއެވެ. ޓެކްނިކަލް ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވައިފައި ވަނީ، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައެވެ. މިގޮތުން، 13 ޖޫން 1990ން ފެށިގެން، އޭރުގެ ޑިޕާޓްމަންޓް އޮފް ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަންސާ، މުސްތާޤު ފިރާޤު ވަނީ ގުޅިވަޑައިގެންފައެވެ.

ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، މައިގަނޑު މަސައްކަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުރެއްވީ، ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް އިންސްޕެކްޓް ކުރައްވައި ޓެސްޓް ކުރެއްވުމުގެ މަސައްކަތެވެ. މީގެއިތުރުން، އޭރު ކުރެއްވި އެހެން މަސައްކަތްތަކުގެ ތެރޭގައި، ކޮމިއުނިކޭޝަންގެ ވަސީލަތްތައް ޤާއިމުކުރެވިފައިވާ އުޅަނދުފަހަރާއި، އެހެނިހެން ސައިޓްތައް އިންސްޕެކްޓް ކުރެއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޓެކްނީޝަން އަދި ސީނިއަރ ޓެކްނީޝަނެއްގެ ގޮތުން ދިގު މުއްދަތެއް ވަންދެން ޓެކްނިކަލް މަސައްކަތްތައް ކުރެއްވުމަށްފަހު، މުޝްތާޤު ފިރާޤު ވަނީ ޓެލެކޮމިއުނިކޭޝަންސްގެ އިދާރާގެ މެނޭޖްމަންޓްގައިވެސް މަސައްކަތް ކުރައްވައިފައެވެ. މިގޮތުން، އެސިސްޓެންޓް ޑިރެކްޓަރގެ ހައިސިއްޔަތުން މެނޭޖްމަންޓްގެ ދާއިރާގައި ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، މޯބައިލް ފޯނު ތަޢާރުފުވުމާ ގުޅިގެން، ކަނޑުމަތީގެ އުޅަނދުފަހަރުގައި ރޭޑިއޯ ސެޓަށް ދޭ ސަމާލުކަން ކުޑަވެ، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ރޭޑިއޯ ސެޓް ބޭނުންކުރުން ވަރަށް ބޮޑަށް މަދުވެފައިވާތީ، ރޭޑިއޯ ސެޓް ބޭނުންކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އާންމުންނާއި އުޅަނދުފަހަރު ދުއްވާ މީހުން ހޭލުންތެރިކުރުވުމަށް ހިންގުނު ޕުރޮގުރާމެވެ.

މީގެއިތުރުން، އިންޓަރނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް ލިބިދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބެލެނިވެރިންނާއި ކުޑަކުދިން ހޭލުންތެރިކުރުވުމަށް އެކިއެކި ވީޑިއޯ ކްލިޕް ތައްޔާރުކުރައްވައި، ޓީ.ވީ. މެދުވެރިކޮށް އާންމުންނާ ހަމަޔަށް ގެނެސްދެއްވުމަކީވެސް މުޝްތާޤު ފިރާޤު ކުރެއްވި ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ޓެލެކޮމިއުނިކޭޝަންސާ ބެހޭ ސިޔާސަތު އެކުލަވައިލުމަށް އަތޮޅުތެރޭގައި ބޭއްވުނު މަސައްކަތު ބައްދަލުވުންތަކުގައްޔާއި، މުވާޞަލާތީ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމަށް އަތޮޅުތެރޭގައި ބޭއްވުނު ޓެލެކޮމް ފެއަރތަކުގައިވެސް މުޝްތާޤު ފިރާޤު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމަށްޓަކައި، އައި.އެސް.އޯ. ސްޓޭންޑަޑަށް ސެޓިފައި ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގައިވެސް މުޝްތާޤު ފިރާޤު، މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މުޝްތާޤު ފިރާޤަކީ، އޮފީހުގައި މަސައްކަތުގެ އަޚްލާޤު ވަރަށް ރަނގަޅަށް ހިފަހައްޓަވާ ބޭފުޅެކެވެ. މިގޮތުން، އޮފީހަށް ހާޒިރުވުމުގައި ފަރުވާބަހައްޓަވައި، އޮފީހުގައި މަސައްކަތް ކުރައްވާ ވަގުތު، އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރައްވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޮފީހުގެ އެކި ސެކްޝަންތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވައި، އޮފީހުގެ މުވައްޒަފުންގެ މެދުގައި އެކުވެރި ގުޅުމެއް ދެމެހެއްޓެވުމަށް މަގުފަހިވާނެ ގޮތްތަކަށް މުޢާމަލާތު ކުރައްވާކަން އެއީ، މުޝްތާޤު ފިރާޤުގެ ޚާއްޞަ ސިފައެކެވެ.