އަލްފާޟިލާ ޢާބިދާ ޢުމަރު
ރަބީޢުގެ ހއ. ހޯރަފުށި

ޢާބިދާ ޢުމަރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހއ. އަތޮޅު މަދަރުސާގައި ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުން، 1987 ފެބުރުވަރީ 5 ގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ހއ. އަތޮޅު މަދަރުސާގައި އިސްލާމް ޓީޗަރުގެ މަގާމުގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ތެރޭގައި، ހއ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރު ކަމާއި، މުދައްރިސް ކަމާއި، ގްރެޖުއޭޓް ޓީޗަރުކަން ކުރެއްވިއެވެ.

ޢާބިދާ ޢުމަރުގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި، ހއ.އަތޮޅު މަދަރުސާގެ ޕްރައިމަރީ ގްރޭޑްތަކުގެ މާއްދާތައް ކިޔަވައި ދެއްވުމުގެ އިތުރުން، ޕްރައިމަރީ އަދި މެދު މަދަރުސީ ގްރޭޑްގެ ކުލާސްތަކަށް އިސްލާމް ދިވެހި މާއްދާވެސް ޢާބިދާ ކިޔަވައިދެއްވައިފައި ވެއެވެ. ތަފާތު އުކުޅުތައް ބޭނުންކުރައްވައިގެން ދަރިވަރުންނަށް ކިޔަވައިދެއްވައި، ދަރިވަރުންގެ ފެންވަރު ވަޒަންކުރައްވައި، އެ ކުދިންގެ ނަތީޖާތައް، ބެލެނިވެރިންނާ ހިއްސާކުރައްވައި، ނަތީޖާ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

ސްކޫލްގައި ހިންގޭ ތަފާތު އެކި ކަހަލަ އަދަބީ، ދީނީ އަދި ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވައި، އެ ކަންކަން އިންތިޒާމު ކުރެއްވުމުގައި ޢަމަލީގޮތުން ޢާބިދާ މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. މިގޮތުން، ޤައުމީ އަދި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާ ދަރިވަރުން ތައްޔާރުކުރެއްވުމަށް ނުހަނު ގިނަ މަސައްކަތްތައް ކޮށްދެއްވައިފައި ވެއެވެ. ޚާއްޞަކޮށް، މަދަރުސާގެ އިސްލާމް ކުލަބުގެ ދީނީ ރޫޙުގެ މަސައްކަތްތައް ޢާބިދާ އިސްވެ ހުންނަވައިގެން ބަލަހައްޓަވައި، ކަންކަން ވިލަރެސް ކުރައްވައިފައި ވެއެވެ.

ހއ. އަތޮޅު މަދަރުސާގައި ފުރަތަމަފަހަރަށް ކަބް ސްކައުޓް ތަޢާރުފްކޮށްދެއްވައި، ކަބް ސްކައުޓްގެ ހަރަކާތްތައް ވަރަށް ފުރިހަމައަށް ހިންގަވައި، ހުނަރުވެރި ޤާބިލް ދަރިވަރުންތަކެއް އުފެއްދެވުމަށް ޢާބިދާ ޢުމަރު ވަރަށް ޝައުޤުވެރިކަމާ އެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ޚިދުމަތުގެ މުއްދަތުގެ ތެރޭގައި، ސްކޫލްގެ ޕީ.ޓީ.އޭ.ގެ މުދައްރިސުންގެ މަންދޫބެއްގެ ހައިސިއްޔަތުން ބެލެނިވެރިންނާ ގުޅިވަޑައިގެން، ސްކޫލްގެ ކުރިއެރުމާއި ތަރައްޤީއަށް ޢާބިދާ ޢުމަރު މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

ތަޢުލީމީ ދާއިރާއާ ޢާބިދާ ގުޅިވަޑައިގެންނެވި ދުވަސްވަރަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މަސައްކަތް ހިންގަވަމުން ގެންދެވި ދުވަސްވަރު ކަމަށްވުމުން، ދޮށީ އުމުރުގެ ބޭފުޅުންނަށް އަސާސީ ތަޢުލީމު އުނގަންނައިދެއްވުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ކުލާސްތައް ނަންގަވައި ދެއްވައިފައި ވެއެވެ.

ޢާބިދާ ޢުމަރު ފާހަގަކުރެވިފައި ވަނީ، ދާއިރާއިން އަމިއްލަ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި އަދި މަދަރުސާގެ ކުރިއެރުމަށް އެހެން މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި އިޚުލާޞްތެރި ނަމޫނާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.