އަލްފާޟިލް އިބްރާހީމް ޝަރީފް
ދޮންފެހިގެ ލ. ދަނބިދޫ

އިބްރާހީމް ޝަރީފް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 ޑިސެންބަރު 1987 ގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޯޓުފަހަރުގެ ކޭޝިއަރެއްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އިބްރާހީމް ޝަރީފް އަދާކުރައްވައިފައި ވެއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިބްރާހީމް ޝަރީފް ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ޢަމަލީގޮތުން ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ފުރަތަމަ ކުރެއްވީ، ބޯޓުފަހަރުގެ ފައިސާ ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެއަށްފަހު، މަސްވެރިން އަތުން ބޯޓަށް ގަންނަ މަހުގެ ބިލުތަކަށް ފައިސާ ދޫކުރުމާއި، ދޯނިފަހަރުން ތެޔޮ ގަންނަ ބިލުތަކަށް ފައިސާ ބަލައިގަތުން ހިމެނެއެވެ.

މިފްކޯއާއި ކޫއްޑޫގެ ބޯޓުފަހަރު ދުއްވާ ކެޕްޓަން ނުވަތަ ސްކިޕަރގެ މަގާމަށް އިބްރާހީމް ޝަރީފް ބަދަލުވެވަޑައިގަތުމަށްފަހު، މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވިއެވެ. އަދި ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިންގެ މަސައްކަތްތައް ގާތުން ބައްލަވައި، އެ މުވައްޒަފުންނަށް މަސައްކަތް ދައްކަވައި، މަސައްކަތްތައް ސުޕަވައިޒް ކުރައްވައި، ފަޅުވެރިންނާ ގުޅިގެން ބޯޓުގައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފަޅުވެރިންގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ.

އިބްރާހީމް ޝަރީފް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެކައުންޓްސް/ކޭޝިއަރިންގގެ ބަޔަށް ބަދަލުވެވަޑައިގަތުމަށްފަހު، މިހާރު އަދާކުރައްވަމުން ގެންދަވާ ހެޑް ކޭޝިއަރެއްގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، އިބްރާހީމް ޝަރީފަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުން ވަޒީފާގެ މަސައްކަތްތަކަށް ތަމްރީނު ކުރައްވައިފައި ވެއެވެ. އަދި މިހާރުވެސް ވަރަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވުމުގައި އިބްރާހީމް ޝަރީފް ދެމިހުންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.