އަލްފާޟިލާ ފަރިޔާލު މުޙައްމަދު
ނިއުސްޓަރ ދ. ރިނބުދޫ

ފަރިޔާލު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ޑިސެންބަރު 1987ގައި ދ. ރިނބުދޫގެ ޢާއިލާގެ އެހީތެރިޔާގެ ގޮތުގައެވެ. ވަޒީފާ އަދާކުރައްވަން ފެށްޓެވީއްސުރެ މިއަދާ ހަމަޔަށް ހުންނެވީ، ޞިއްޙީ ދާއިރާގެ ޚިދުމަތުގައެވެ. ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު
35 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އުމުރުން އެންމެ 16 އަހަރުގައި ފަރިޔާލު މުޙައްމަދު، ފޫޅުމާކަމުގެ ތަމްރީނު ފުރިހަމަކުރައްވައި، ފޫޅުމައެއްގެ ގޮތުގައި ރަށުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. އަދި އޭގެފަހުން ފެމިލީ ހެލްތު ވަރކަރ ކޯސް ފުރިހަމަކުރައްވައި، ވަޒީފާއަށް ނުކުމެވަޑައިގެންނެވި ހިސާބުން ފެށިގެން، ޚިދުމަތުގައި މިވީ މުއްދަތުގެ ތެރޭގައި މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ، މާބަނޑު މީހުން ރަށުގައި ވިއްސައިފައި ވެއެވެ. 20 އަހަރަށްވުރެ ގިނަ ދުވަހު، އިތުރު އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތި، އޭރުގައި ލިބެންހުރި މަދު ވަސީލަތްތަކާއެކު އެތައް ގޮންޖެހުންތަކާއި ދަތިތަކާއެކުގައިވެސް ރަށުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ފަރިޔާލު މުޙައްމަދު ވަނީ ތަޢުރީފް ޙައްޤު، ބުރަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ފަރިޔާލު މުޙައްމަދު ފާހަގަކުރެވިފައި ވަނީ ރިނބުދޫގެ ތާރީޚުގައި، އެންމެގިނަ ދުވަހު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި އެންމެ ގިނަ ބަޔަކު އިތުބާރުކުރާ، އެންމެ ތަޖުރިބާކާރު، ޞިއްޙީ ޚިދުމަތްތެރިޔާގެ ގޮތުގައެވެ. ހަމަ އެހެންމެ، ޞިއްޙީ ކަންކަމުގައި އަދި ޚާއްޞަކޮށް، މާބަނޑު މީހުންނާ ގުޅޭ ކަންކަމުގައި އެފަރާތެއްގެ އަގުހުރި ތަޖުރިބާ ބޭނުންކުރެވޭ އެދުރެއްގެ ގޮތުގައިވެސް މެއެވެ.

ފަރިޔާލު މުޙައްމަދު، ޞިއްޙީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގެން، މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވަނީ، އިޚުލާޞްތެރިކަމާ އެކުގައެވެ. ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ކުރެއްވުމުގައި އިސްކަން ދެއްވައިފައި ވަނީ ވީހާވެސް ގާތުން ރަނގަޅަށް ޚިދުމަތް ދެއްވުމަށެވެ. ފަރިޔާލު މުޙައްމަދަކީ، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްޞަކޮށް، ފޫޅުމާކަމާއި، ޕަބްލިކް ހެލްތާ ގުޅޭ ކަންކަން ރާއްވަވައި ހިންގެވުމުގައި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވައި، ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޤާބިލް ބޭފުޅެކެވެ.

ފަރިޔާލު މުޙައްމަދު، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތައް ހީވާގިކަމާއެކު ކުރައްވައިފައި ވެއެވެ. ފަރިޔާލަކީ، އަމިއްލައަށް އިސްނަންގަވައިގެންނާއި، ހަވާލުކުރާ މަސައްކަތްތައް އަބަދުވެސް ފަރުވާތެރިކަމާތެރިކަމާއެކު ދުވަހުން ދުވަހަށް ފުރިހަމައަށް ނިންމެވުމަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފަރިޔާލު މުޙައްމަދަކީ، ވަޒީފާގެ މަސްއޫލިއްޔަތު، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކު ފުރިހަމައަށް އަދާކުރެއްވުމުގައި މިހާރުވެސް ދެމިހުންނެވި އަދި ޞިއްޙީ މަރުކަޒުގެ ކުރިއެރުމާއި ތަރައްޤީއަށް އަބަދުވެސް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާ ހީވާގި ބޭފުޅެއްވެސް މެއެވެ.