އަލްފާޟިލް އަޙްމަދު މުޙައްމަދު
އެވަރބްލޫ، ޅ. ކުރެންދޫ

އަޙްމަދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ، އެން.އެސް.އެސް މީހުންގެ މަސައްކަތު މީހެއްގެ ވަޒީފާގައި 9 ޖަނަވަރީ 1986 ގައެވެ. އޭގެފަހުން ކަސްޓަމްސްގެ 2 ނަންބަރު ކާތިބުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ، 11 އޮކްޓޫބަރު 1988 ގައެވެ. 1988 ވަނަ އަހަރުން ފެށިގެން ކަސްޓަމްސްގެ ވަޒީފާގައި ތަފާތު މަގާމުތައް އަދާކުރައްވައި، މިހާރު ހުންނެވީ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމުގައެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވި 35 އަހަރު ދުވަހުގެ ތެރެއިން ކަސްޓަމްސްގެ ޚިދުމަތުގައި މިވީ 32 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އަޙްމަދު މުޙައްމަދު ވަނީ ތަފާތު މަގާމުތައް ފުރުއްވައިފައެވެ. މީގެތެރޭގައި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމު ހިމެނެއެވެ.

އަޙްމަދު މުޙައްމަދު، ކަސްޓަމްސްގައި ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި، ކަސްޓަމްސްގެ ޕެސެންޖަރ ޓަރމިނަލްއާއި، އެއަރ ކާރގޯއާއި، ބޮންޑެޑް ވެއަރހައުސްއާއި، ސީ ކާރގޯ އެގްޒަމިނޭޝަނާއި، ތިލަފުށީ ކަސްޓަމްސް ހިމެނެއެވެ. ރާއްޖެ އަންނަ ފަސިންޖަރުންނާއި، އެތެރެކުރެވޭ ތަކެއްޗާއި މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ހީވާގިކަމާއެކުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެ ތަންތަނުގައި އަޙްމަދު މުޙައްމަދު ވަނީ މަސައްކަތް ކުރައްވައިފައެވެ.

މީގެ އިތުރުންވެސް، އެކި މަސައްކަތްތަކަށް ރާއްޖެއަށް އެތެރެކުރެވޭ މުދާ ބަލައި ފާސްކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ރަށްރަށަށްވެސް އަޙްމަދު މުޙައްމަދު ދަތުރުކުރައްވައިފައި ވެއެވެ. ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ކަސްޓަމްސްގައި ޤާއިމުކުރެވިފައިވާ ނިޒާމުގެ ތެރެއިން ފަޅުރަށްރަށަށް ގެންދާ މުދަލާއި، ބޯޓުފަހަރުން ގެންނަ މުދާ ބަލައި ފާސްކުރުމުގައި އަޙްމަދު މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިވާގީކަމާއި އިޚުލާސްތެރިކަމާއެކުގައި މަސައްކަތް ކުރައްވައިފައިވެއެވެ.

އަޙްމަދު މުޙައްމަދަކީ، ލިބިވަޑައިގެންފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވެސް، ކަންކަން ކުރަންވީ ރަނގަޅު ގޮތް އަމިއްލަފުޅު ވިސްނުމުން ވިދާޅުވެދެއްވާ ބޭފުޅެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރައްވާ، އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމް ކުރައްވާ، ނަމޫނާ މުވައްޒަފެކެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކިއެކި ކާމިޔާބީއާއި، ކަސްޓަމްސް އަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް، އަގު ވަޒަންކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ކުލަތަކުގެ ތެރެއިން ޤާބިލްކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚްލާޤީ ކުލައާއި، އިޚުލާސްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ އަދި ހާޒިރީ ކުލަ، އަޙްމަދު މުޙައްމަދު ހާސިލު ކުރައްވައިފައި ވެއެވެ.