އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދު
ނެލުމް ނ. ހޮޅުދޫ

ޢަބްދުއްރަޙްމާން މުޙައްމަދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޑިސެންބަރު 1987 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެޕްރެންޓިސް މެކޭނިކްގެ މަގާމެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެކިއެކި ވަޒީފާތައް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ފްލީޓްގެ އެޕްރެންޓިސް މެކޭނިކް ކަމާއި، އެސިސްޓެންޓް މެކޭނިކް ކަމާއި، ރިޕްލޭސްމަންޓް މެކޭނިކް ކަމާއި، މެކޭނިކް 1 އަދި ސްލިޕްވޭގެ މެކޭނިކް ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރ ކަމާއި އަދި ޕްލާންޓް އިންޖިނިއަރކަން ހިމެނެއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދު، މިފްކޯ ފްލީޓުގެ ވަޒީފާ އަދާކުރެއްވިއިރު، ބޯޓުފަހަރުގައި ޢަމަލީގޮތުން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއްގައްޔާއި، ފެލިވަރު ސްލިޕްވޭގައިވެސް ޢަމަލީގޮތުން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ސްލިޕްވޭގައި ކުރައްވަން ޖެހިވަޑައިގެންނެވި މެކޭނިކަލް ހުރިހާ މަސައްކަތްތައް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، ކަމަށްކަމޭހިއްތެވުމާއެކު، އެ ގަޑިއަކަށް އެ މަސައްކަތެއް ނިންމަވާ ބޭފުޅެކެވެ. އަދި ފެލިވަރުގައި ކުރަންޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްވެސް މެއެވެ. 

ޢަބްދުއްރަޙްމާން މުޙައްމަދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، މުވައްޒަފުންނަށް އެކިއެކި ތަމްރީނު ދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ސެކްޝަނަށް އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރައްވައި ތަމްރީނުކޮށްދެއްވައިފައި ވެއެވެ.

ފެލިވަރަކީ ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ތަނަކަށްވާތީ، ކޭނަރީ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތާއި، އެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އޯވަރހޯލް ކުރުންފަދަ ހުރިހާ މަސައްކަތެއް، ސީދާ ޢަބްދުއްރަޙްމާން މުޙައްމަދުގެ ބެއްލެވުމުގެ ދަށުން ކުރައްވައިފައި ވެއެވެ. ޢަބްދުއްރަޙްމާން މުޙައްމަދަކީ، ފެލިވަރުގެ ދަށުން ހިންގާ އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތާއި، އެ ތަންތަން މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އެ ތަންތަނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ވަރުބަލިކަމެއްނެތި ގިނަ ވަގުތުތަކެއްގައި މަސައްކަތުގައި ޢަމަލީގޮތުން އުޅުއްވި އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދު، ފެލިވަރުގެ މަސައްކަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ހާޒިރީގެ މައްސަލައެއްވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.