އަލްފާޟިލް މުޙައްމަދު ނަޞީރު
ދަފްތަރު. ނަންބަރު ރސ 4491، މާލެ

މުޙައްމަދު ނަޞީރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، ވަގުތީ ދެ ނަންބަރު ކާތިބެއްގެ ގޮތުން، 25 ނޮވެންބަރު 1987 ގައެވެ. މިއަދާ ހަމަޔަށްވެސް މުޙައްމަދު ނަޞީރު ހުންނެވީ ކަސްޓަމްސްގެ ޚިދުމަތުގައެވެ. މިހާރު ހުންނެވީ، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި، އެންމެ ގިނަ ދުވަސް ވަންދެން ކުރެއްވީ ފައިސާ ބަލައިގަތުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ކަނޑައެޅިފައިވާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމުގެ މަސައްކަތެވެ.

މުޙައްމަދު ނަޞީރު، ދައުލަތުގެ ޚިދުމަތުގައި މިހާތަނަށް 35 އަހަރު ހޭދަކުރައްވައިފައި ވެއެވެ. މުޙައްމަދު ނަޞީރު، ކަސްޓަމްސްގެ ވަޒީފާގައި ތަފާތު ދާއިރާތަކުގައި މަސައްކަތްތައް ކުރެއްވިއެވެ. މިގޮތުން، އެއަރ ކާގޯ އެގްޒަމިނޭޝަން، ހުޅުމާލެ ކަސްޓަމްސް، ކ. ތުލުސްދޫ ކަސްޓަމްސް، ގއ. ވިލިނގިލީ ކަސްޓަމްސް، ހދ. ކުޅުދުއްފުށީ ކަސްޓަމްސް، ފައިނޭންސް އެންޑް އެކައުންޓްސްގެ އިތުރުން، ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން ސެކްޝަންގައި މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މުޙައްމަދު ނަޞީރު ގިނަ ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވަނީ ސެކްޝަން ހެޑް ކަމުގެ މަގާމުގައި ހުންނަވައިގެންނެވެ. މުޙައްމަދު ނަޞީރު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް ސެކްޝަންގެ ހެޑްގެ މަގާމުގައްޔާއި، އެޑްމިނިސްޓްރޭޝަން އެންޑް ލޮޖިސްޓިކް ޑިވިޜަންގެ ޑެޕިއުޓީ ޑިވިޜަން ހެޑްގެ މަގާމުގައި ހުންނަވައިގެންނެވެ.

މުޙައްމަދު ނަޞީރު، ކަސްޓަމްސްއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ލިބުމުގެ ފަހި ފުރުޞަތުތައް، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ހޯއްދަވައި ދެއްވުމަށާއި، މަސައްކަތުގެ މާޙައުލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނައުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ.

މީގެއިތުރުން، މުޙައްމަދު ނަޞީރު ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިޔު.ސީ.އޯ.) އިން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ "ޑަބްލިޔު.ސީ.އޯ. މެރިޓް ސެޓްފިކެޓް" 2015 ވަނަ އަހަރު ހާސިލުކުރައްވައިފައެވެ. ހަމައެހެންމެ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި ކަންކަމުގައި ބައިވެރިވެވަޑައިގެން، ކަސްޓަމްސް ތަމްސީލު ކުރައްވައި، ކަސްޓަމްސްއަށް ރީތި ނަން ހޯއްދަވައިދެއްވައިފައި ވެއެވެ. ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި، ކުލަތަކުގެ ތެރެއިން ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚްލާޤީ ކުލައާއި، އިޚުލާޞްތެރި ކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ އަދި މަތިވެރި ޚިދުމަތުގެ ކުލަ، މުޙައްމަދު ނަޞީރު ހާސިލުކުރައްވައިފައި ވެއެވެ.