އަލްފާޟިލް އަޙްމަދު ރަޝީދު
ހުޅުމާލެ. ފްލެޓް 03-ޖީ-103

އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާގައި 18 ނޮވެންބަރު 1987 ގައެވެ. ޚިދުމަތުގައި މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކާތިބު ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ
ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމު އަދާކުރެއްވިއެވެ. އަދި ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމާއި، ސުޕްރިންޓެންޑެންޓްގެ މަގާމާއި، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުވެސް ފުރުއްވިއެވެ.

ކަސްޓަމްސްގެ ތަފާތު ދާއިރާތަކުގައި އަޙްމަދު ރަޝީދު ޚިދުމަތް ކުރެއްވިއިރު، ކަސްޓަމްސްގެ އެރައިވަލް، އެއަރ ކާރގޯ، ސްޕެޝަލް އޮޕަރޭޝަންސް އެންޑް ސަރވައިލަންސް، ސީކާގޯ އެގްޒޭމިނޭޝަން ސެކްޝަން، މާލޭ އެކްސްޕްރެސް ކާގޯ ޕޯސްޓް ސެކްޝަން، ތިލަފުށީ ކަސްޓަމްސް، ސ. ގަން ކަސްޓަމްސް، ކ. ތުލުސްދޫ ކަސްޓަމްސް، ހދ. ހަނިމާދޫ ކަސްޓަމްސް، ގއ. ވިލިނގިލީ ކަސްޓަމްސް އަދި ހދ. ކުޅުދުއްފުށީ ކަސްޓަމްސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަޙްމަދު ރަޝީދު ކަސްޓަމްސްގެ ގިނަ ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވަނީ، ސެކްޝަން ހެޑް ކަމުގެ މަގާމުގައެވެ. އަޙްމަދު ރަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބޮންޑެޑް ވެއަރހައުސް އެގްޒަމިނޭޝަން ސެކްޝަންގެ ހެޑްގެ މަގާމުގައި ހުންނަވައިގެންނެވެ.

އަޙްމަދު ރަޝީދަކީ، ލިބިވަޑައިގެންފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވެސް ކަންކަން ކުރަންވީ ރަނގަޅުގޮތް އަމިއްލަފުޅު ވިސްނުމުން ވިދާޅުވެދެއްވާ ބޭފުޅެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރައްވާ، އެހެން މުވައްޒަފުންގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ، އެ އިޙްސާސްތަކަށް އިޙްތިރާމް ކުރައްވާ ނަމޫނާ ބޭފުޅެކެވެ. އަދި ކަސްޓަމްސްއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އަޙްމަދު ރަޝީދު ވަނީ ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތައް ހާސިލު ކުރައްވައިފައެވެ. މިގޮތުން ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚްލާޤީ ކުލައާއި، އިޚުލާޞްތެރި ކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ އަދި މަތިވެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިޔު.ސީ.އޯ.) އިން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ "ޑަބްލިޔު.ސީ.އޯ. މެރިޓް ސެޓްފިކެޓް" 2020 ވަނަ އަހަރު އަޙްމަދު ރަޝީދު ވަނީ ހާސިލުކުރައްވައިފައެވެ.