އަލްފާޟިލް ސުލައިމާން ޢަލީ
ނޫރާނީމާގެ ގއ. ވިލިނގިލި

ސުލައިމާން ޢަލީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޯޓުފަހަރުގެ ޑެކް ކްރޫއެއްގެ ގޮތުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިފްކޯގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައި ވެއެވެ.

ސުލައިމާން ޢަލީ، ވަޒީފާ އަދާކުރެއްވިއިރު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ޢަމަލީގޮތުން ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ވަޒީފާގެ ގޮތުން ފުރަތަމަ ކުރެއްވީ، މަސްވެރިން އަތުން ގަންނަ މަސް، ދޯނިފަހަރުން ބާސްކެޓަށް އަޅައިގެން ބޯޓަށް އެރުވުމާއި، އެ މަސްތައް ފަލްކާއަށް އެޅުމުގެ މަސައްކަތާއި، ކޫއްޑުއަށް ބޯޓު އައުމުން، ޖެޓީއަށް މަސްތައް ހުސްކުރުމުގެ މަސައްކަތެވެ.

މިފްކޯއާއި ކޫއްޑޫގެ ކަލަމިންޖާ 402 ބޯޓުގެ ސަރަނގުގެ މަގާމަށް ސުލައިމާން ޢަލީ ބަދަލުވެވަޑައިގަތުމަށްފަހު، ޑެކް ކްރޫންގެ މަސައްކަތްތައް ގާތުން ބައްލަވައި، އެ މުވައްޒަފުންނަށް މަސައްކަތް ދައްކަވައި، މަސައްކަތްތައް ސުޕަވައިޒް ކުރައްވައި އަދި ބޯޓުގައި ކުރާ މަސައްކަތްތަކުގައި ފަޅުވެރިންނާ އެކީގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފަޅުވެރިންގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ.

ސުލައިމާން ޢަލީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ފޯމަނަކަށް ބަދަލުވެވަޑައިގަތުމާއެކު، ލޭބަރޕޫލް ޖެޓީގައްޔާއި، ހައުސިންގ ލޯންޑްރީގައި މަސައްކަތް ކުރެއްވިއިރު، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަލަށް އަންނަ މުވައްޒަފުން ވަޒީފާގެ މާޙައުލުގައި ތަމްރީނު ކޮށްދެއްވައިފައި ވެއެވެ. އަދި އޭގެފަހުން ސީނިއަރ ފޯމަންކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި ސީނިއަރ ކާޕެންޓަރެއްގެ ވަޒީފާގައި ސުލައިމާން ޢަލީ މިހާރުވެސް ދެމިހުންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ސުލައިމާން ޢަލީ، 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، ވަޒީފާގެ އުސޫލުތަކާ ޚިލާފުވެވަޑައިގެން ފިޔަވަޅެއް އަޅުއްވާފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.