އަލްއުސްތާޛާ ޢާއިޝަތު ޙުސައިން
ގ. ފުލްމޫން

އަލްއުސްތާޛާ ޢާއިޝަތު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އަވަސްނިޔާ ކޯޓުގެ ސެކްރެޓެރީ ކަމުގެ ވަޒީފާއިން 15 އޮކްޓޫބަރު 1987 ގައެވެ. މެދުކެނޑުމެއްނެތި މިހާތަނަށް 35 އަހަރާއި 6 މަހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޙުސައިން، ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި، އަވަސްނިޔާ ކޯޓުގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަން ކުރައްވައިފައި ވެއެވެ. ޢާއިޝަތު ޙުސައިން މިހާރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގައި ޢާއިޝަތު ޙުސައިން ޚިދުމަތް ކުރެއްވިއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުންގެ ރަޖިސްޓަރީތަކާއި، ރެކޯޑު ފައިލްތައް ތައްޔާރުކުރައްވައި، ފޮތްތަކުގައި މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ ބަދަލުގައި، އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމަށްޓަކައި ސޮފްޓްވެއަރއެއް ހެދުމުގެ ޚިޔާލު ހުށަހަޅުއްވައި، ސޮފްޓްވެއަރގެ ތެރެއިން މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ގޮތް ހަމަޖެއްސެވިއެވެ. އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަމުން ގެންދެވި ދުވަސްވަރު، އެ އޮފީހުން ނެރުއްވައިފައިވާ މުވައްޒަފުންގެ ގަވާއިދަށް، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް އެ ފަރާތްތަކަށް އަމާޒުކޮށްގެން ޕުރޮގުރާމުތައް ހިންގަވައިފައި ވެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ޝަރުޢީ ކޯޓުތައް ހިންގެވިއިރު، މިނިސްޓަރުގެ މަޝްވަރާގެ މަތިން، ވަޒީފާއާބެހޭ ކޮމިޓީ އުފައްދައި، އެ ކޮމިޓީގެ އެންމެހައި މަސައްކަތްތަކުގައި، ޢާއިޝަތު ޙުސައިން ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޙުސައިނަކީ، ސެކްޝަންގެ މަސްއޫލިއްޔަތުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގިނަ ކޮމިޓީތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން، ގްރިވަންސް ކޮމިޓީގެ މެންބަރު ކަމާއި، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރު ކަމާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް، 2019 ވަނަ އަހަރު ބޭއްވި އިންތިޚާބުގެ ހިންގާ ކޮމިޓީގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުން ފެށިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބިޑް ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ޝަރުޢީ ދާއިރާއިން ދެމުންގެންދާ ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ސެންޓްރަލްކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޭ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ވަގުތުގައި ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް އިޚުލާޞްތެރިކަމާއެކުގައި ޢާއިޝަތު ޙުސައިން ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.