އިންސްޕެކްޓަރ އޮފް ޕޮލިސް ހާރޫން ޢަލީ
ލޫބިޔާ ލ. ފޮނަދޫ

އިންސްޕެކްޓަރ އޮފް ޕޮލިސް ހާރޫން ޢަލީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ސެޕްޓެންބަރު 1987 ގައެވެ. ފުރަތަމަ ޚިދުމަތް ކުރެއްވީ، އެން.އެސް.އެސް.ގައެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. މި ރޭންކުތަކުގައި ޚިދުމަތް ކުރެއްވިއިރު، އާންމު ގޮތެއްގައި ކުރެއްވީ، އެކިއެކި ތަންތާނގެ ސެކިއުރިޓީ ބެލެހެއްޓެވުމުގެ މަސައްކަތެވެ.

1 ސެޕްޓެންބަރު 2004 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، އެ ސަރވިސްއަށް ހާރޫން ޢަލީ ބަދަލުކުރެއްވިއެވެ. އެ ސަރވިސްގައި ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ހާރޫން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 27 މާރިޗު 2021ން ފެށިގެންނެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ހާރޫން ޢަލީ ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ދޫނިދޫ ޖަލުގެ ސެކިއުރިޓީއާއި، ގާމާދޫ ޖަލުގެ ސެކިއުރިޓީ ހިމެނެއެވެ. އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައި ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓެވިއެވެ. މީގެއިތުރުން، ރީޖަނަލް ހެޑްކުއާރޓަރޒް ކައްދުއާއި، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަނާއި، ލ. އިސްދޫ ޕޮލިސް ސްޓޭޝަނާއި، ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި، ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުދޫމީދޫ ޕޮލިސް ސްޓޭޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓާއި، ލޮޖިސްޓިކަލް ސަރވިސް ޑިޕާޓްމަންޓްގެ ކޭޓަރިންގ ޔުނިޓުގައި ޚިދުމަތް ކުރެއްވިއެވެ.

ޕޮލިސް ސްޓޭޝަންތަކުގައި ހާރޫން ޢަލީ ޚިދުމަތް ކުރެއްވީ، އެ ސްޓޭޝަންތަކުގެ އިންޗާޖުގެ ގޮތުގައެވެ. އެ މަގާމުތަކުގައި ހުންނަވައިގެން ސްޓޭޝަނަށް ހުށަހެޅޭ މައްސަލަތައް، އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލުކުރައްވައިގެން ތަޙުޤީޤު ކުރައްވައި، މައްސަލަތައް ނިންމަވައި، އަދި ސްޓޭޝަންގެ އިދާރީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން، ސްޓޭޝަންގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވެލްފެއަރ ކަންތައްތައްވެސް ހާރޫން ޢަލީ ބަލަހައްޓަވައިފައި ވެއެވެ.

އެން.އެސް.އެސް. އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ހާރޫން ޢަލީއަށް، 5 ކުލައާއި، 10 މެޑެލް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ފުލުހުންގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ހާރޫން ޢަލީ މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޮޖިސްޓިކްސް އެންޑް ބިލްޑިންގ މެއިންޓެނަންސް ޑިޕާޓްމަންޓްގެ ކޭޓަރިންގ ޔުނިޓް ހެޑްގެ ގޮތުގައެވެ.