އަލްފާޟިލް މުޙައްމަދު ޝަރީފް
މއ. ދޫގަސް

މުޙައްމަދު ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 އޮކްޓޫބަރު 1987ގައި، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަން އެސިސްޓެންޓް ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ކަމާއި، ބްރޯޑްކާސްޓިންގ ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަންކަން ކުރެއްވިއެވެ. އަދި އެސިސްޓެންޓް މެނޭޖަރ، އިންޖިނިއަރިންގގެ މަގާމުވެސް އަދާކުރެއްވިއެވެ. މުޙައްމަދު ޝަރީފް މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ޓްރާންސްމިޝަން މެއިންޓެނަންސްގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ޝަރީފް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރިޕެއަރ ޔުނިޓުން ބަލަހައްޓަމުން ގެންދާ އެކިއެކި ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، މާލެއާއި، ތިލަފުށްޓާއި، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޓްރާންސްމީޓަރތަކާއި، އެއާ ގުޅުންހުރި ހުރިހާ އިކުއިޕްމަންޓްތަކާއި، އެންޓަނާ ސިސްޓަމްތައް މަރާމާތުކޮށް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެކި ސްޓޫޑިއޯތަކުގައި މަސައްކަތް ކުރައްވައި، ކުންފުނީގެ ހުރިހާ އިކުއިޕްމަންޓްތަކުގެ ތެރެއިން ގަވާއިދުން ބަލަހައްޓައި، ސަރވިސް ކުރަންޖެހޭ އިކުއިޕްމަންޓްތަކަކީ ކޮބައިތޯ ބައްލަވައި، އަހަރުގެ ތެރޭގައި ސަރވިސް ކުރުމަށް ވަކި ތާވަލެއް ހައްދަވައިގެން، އެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން އިކުއިޕްމަންޓްތައް ބެލެހެއްޓެވުމުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ހަމައެހެންމެ، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ހުރިހާ މަސައްކަތްތަކާއި، އަތޮޅުތަކުގައި ޤާއިމުކުރެވިފައިވާ މީޑިއާ ސެންޓަރުތަކުގެ ޓެކްނިކަލް ހުރިހާ މަސައްކަތްތަކާއި، ބްރޯޑްކާސްޓިންގގައި ބޭނުންކުރާ އިކުއިޕްމަންޓްތައް ސަރވިސްކޮށް ބަލަހައްޓަވައި، މަރާމާތު ކުރެވޭފަދަ ޓެކްނިކަލް އެއްޗެތި ސަރވިސްކޮށް، އެ ތަކެތި ބެލެހެއްޓެވުމުގެ ކަންކަންވެސް މުޙައްމަދު ޝަރީފް ކުރައްވައިފައި ވެއެވެ. އަދި އެފަދަ މަސައްކަތްތައް މުވައްޒަފުންނަށް ދަސްކޮށްދެއްވައި، އެ މުވައްޒަފުން ލައްވައި އެފަދަ ތަކެތި މަރާމާތު ކުރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކަމުގައި އިސްކޮށް ހުންނަވާ ބޭފުޅަކީވެސް މުޙައްމަދު ޝަރީފެވެ.

ދިވެހިރާއްޖޭގެ އަޑުގެ އޮޕްޓިކަލް ފައިބަރއާއި، އެއާ ގުޅޭ އިކުއިޕްމަންޓްސްތައް ބެލެހެއްޓެވުމާއި، ޕުރޮގުރާމުތައް ވަގުތުން ގެނެސްދިނުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި އަޅައިފައިވާ އަންޑަރ ގްރައުންޑް ކޭބަލް ނެޓްވަރކް ސަރވިސްކޮށް ބެލެހެއްޓެވުމަކީވެސް މުޙައްމަދު ޝަރީފްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.

މުޙައްމަދު ޝަރީފްގެ ޢަޒުމަކީ، ވަޒީފާގައި ހަވާލުކުރެވޭ ކޮންމެ ކަމެއްވެސް، ވީ އެންމެ ރަނގަޅަކަށް ކުރެއްވުމެވެ. ދިވެހިރާއްޖޭގެ އަޑަކީ، މުޙައްމަދު ޝަރީފް ވަޒީފާ އަދާކުރާހިތްޕުޅުވާ އެންމެ މުހިންމު މުއައްސަސާ ކަމަށްވާތީ، ތަނުގެ ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކާ އެކުގައެވެ.