އަލްފާޟިލާ އާމިނަތު އަމީޒާ މުޙައްމަދު
ފިނިފެންމާ ސ. ފޭދޫ

އާމިނަތު އަމީޒާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ފޭދޫ އޮފީހުގެ ކާތިބާކަމުގެ ވަޒީފާގައި 22 ޖަނަވަރީ 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ފޭދޫ އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އަދި މިހާރު އަދާކުރައްވަމުން ގެންދަވާ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، މެދުނުކެނޑި ފޭދޫ އަވަށު އޮފީހުގައިކަން ފާހަގަކޮށްލަންޖެހެއެވެ.

އާމިނަތު އަމީޒާ މުޙައްމަދު ވަޒީފާ އަދާކުރެއްވިއިރު، ފޭދޫ އަވަށު އޮފީހުން މައްސަލަތައް ބެއްލެވި ދުވަސްވަރު، ބަޔާންތަކާއި، ރިޕޯޓުތައް ފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. އޭގެފަހުން ޓައިޕް ކުރައްވައިގެންވެސް އޮފީހުގެ ލިޔެކިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ. ފޭދޫ ގޭގޭގެ މީހުންގެ ރަޖިސްޓަރީއާ ބެހޭ މަސައްކަތް ކުރެއްވި ދުވަސްވަރު، ރަށްވެހިވުން ރަޖިސްޓަރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި، އުފަންވުން ރަޖިސްޓަރީގެ އިތުރަށް، އައި.ޑީ. ކާޑު ހެދުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ ތެރޭގައި ފޭދުއާއި، މަރަދުއާއި، މަރަދޫފޭދޫއާ، މި ތިން ރަށުގެ ރައްޔިތުންގެ ކާޑުވެސް ހިމެނެއެވެ.

އެކިއެކި އިންތިޚާބާ ގުޅިގެން ވޯޓުނަގާ ލިސްޓު ތައްޔާރުކުރައްވައި، ވޯޓާބެހޭ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ފޭދޫ އަވަށު އޮފީހުގެ ފަރާތުން އާމިނަތު އަމީޒާ މުޙައްމަދު މަސައްކަތް ކުރައްވައިފައި ވެއެވެ. އެ ދުވަސްވަރު ވޯޓުފޮށީގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވާއިރު، ވޯޓުފޮށީގެ އެއްވެސް މައްސަލައެއް ޖެހިގެން ސުވާލުކޮށްފައެއް ނުވެއެވެ.

ފޭދޫ އަވަށު އޮފީހުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީގެ މަސައްކަތާއި، ސްޓޮކް ބެލެހެއްޓެވުމާއި، އޮފީހަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަދަ ތަފާތު ގިނަ މަސައްކަތްތައް، އާމިނަތު އަމީޒާ މުޙައްމަދު ކުރެއްވިއެވެ. އަދި މިހާރުވެސް މުވައްޒަފުންނަށް މުސާރަ ދިނުމާއި، ހާޒިރީއާބެހޭ މަސައްކަތާއި، މިސްކިތްތަކުގެ މުވައްޒަފުންގެ އެންމެހައި މަސައްކަތާއި، ގަން ކޮމިއުނިޓީ ސެންޓަރުގެ މުވައްޒަފުންގެ ކަންކަމާއި، ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތް އާމިނަތު އަމީޒާ މުޙައްމަދު ކުރައްވަމުން ގެންދަވަނީ ވަރަށް ފަރުވާތެރިކަމާއެކު، ގަވާއިދާއި އުޞޫލުތަކަށް ރިޢާޔަތްކޮށްގެންކަން ފާހަގަކޮށްލެވެއެވެ. އަދި މި މަސައްކަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ދިގު މުއްދަތުގައި އެއްވެސް މައްސަލައެއް ޖެހިގެން ސުވާލުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑު ވަބާގެ ދުވަސްވަރު ކުރަންޖެހުނު މަސައްކަތްތައް ފޭދޫ އޮފީހުގެ އިސް މުވައްޒަފެއްގެ ގޮތުން އާމިނަތު އަމީޒާ މުޙައްމަދު ވަރަށް އިޚުލާޞްތެރިކަމާއެކު ކުރައްވައިފައި ވެއެވެ. އެ ދުވަސްވަރު 24 ގަޑިއިރު ފޯނަށް ޖަވާބު ދެއްވައި، ޗުއްޓީއެއް ނުނަންގަވައި ސަލާން ވިދާޅުނުވެ، ވަރަށް ގިނަ ވަގުތު މަސައްކަތް ކުރައްވައިފައި ވެއެވެ.

އާމިނަތު އަމީޒާ މުޙައްމަދަކީ، ހަވާލުކުރާ ކޮންމެ މަސައްކަތެއް ކުރުމުގައި ފަސްޖެހިވަޑައިނުގެން، އަމާނާތްތެރިކަމާއި ޤާބިލުކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާ ހުނަރުވެރި މުވައްޒަފެއްވެސް މެއެވެ.