އަލްފާޟިލާ ޚަދީޖާ ރަޒީނާ
މިސްކިތްދޮށުގެ ސ. ހިތަދޫ

ޚަދީޖާ ރަޒީނާ، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 19 ޖުލައި 1987 ގައި ސ. ހިތަދޫ އޮފީހުގައި ކާތިބާއެއްގެ މަގާމުގައެވެ. ސީނިއަރ ކްލާކެއްގެ މަގާމަށް 1992 ގައި ބަދަލުވެވަޑައިގަތުމަށްފަހު، އޭގެފަހުން ބަދަލުވެވަޑައިގަތީ، އެސިސްޓެންޓް ސެކްރެޓެރީއެއްގެ މަގާމަށެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސ.އަތޮޅުއޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ. މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއްގެ ގޮތުގައެވެ.

ޚަދީޖާ ރަޒީނާ ވަޒީފާއަށް ފުރަތަމަ ނުކުމެވަޑައިގެން، އޮފީހުގެ ޔައުމިއްޔާ ލިޔުއްވުމާއި، އޮފީސްތަކާއި، ރަށުގެ އެހެނިހެން ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމުގެ މަސައްކަތްތައް ކުރެއްވީ، އަތުން ލިޔުއްވައިގެން، ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ. އަދި އޭގެފަހުން އައި ޓެކްނޯލޮޖީގެ ކުރިއެރުންތަކަށް އަހުލުވެރިވެވަޑައިގެން، އޮފީހުގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ.

ކާތިބާ ކަމުގެ މަގާމުން ފެށިގެން އެކިއެކި ވަޒީފާތައް އަދާކުރެއްވިއިރު، ޚަދީޖާ ރަޒީނާ ކުރެއްވީ ފައިސާއާބެހޭ މަސައްކަތްތަކެވެ. އަދި މިހާރުވެސް ކުރައްވަމުން ގެންދަވަނީ ފައިސާއާބެހޭ ކަންކަމެވެ. އެގޮތުން، އޮފީހަށް ލިބޭ ފައިސާ ބަލައިގަތުމާއި، ދުވަހު ފޮތް ތައްޔާރުކުރެއްވުމާއި، ބަޖެޓުގެ ކޯޑުތައް ބާކީކުރުމުގެ މަސައްކަތާއި، މުސާރަ ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މި ހުރިހާ މަސައްކަތްތައް ކުރެއްވީ، ތެދުވެރިކަމާއި ފަރުވާތެރިކަމާ އެކުގައެވެ. މިހާރު ކުރައްވަމުން ގެންދަވަނީ ބިލުތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތެވެ.

ދިގު މުއްދަތެއްގައި މިފަދަ ޒިންމާ ބޮޑު މަސައްކަތްތައް ކުރެއްވިއިރު، މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން އެއީ، ޚަދީޖާ ރަޒީނާ ވަޒީފާއަށް ފަރުވާތެރިކަން ބަހައްޓަވާކަމުގެ ހެތްކެކެވެ.