އަލްފާޟިލް ޙުސައިން ރަޝީދު
މ. ޙުސައިންއާބާދު

ޙުސައިން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ޖުލައި 1987 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަން (ޓްރޭނީ) އެއްގެ ވަޒީފާއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ސައުންޑް އިންޖިނިއަރިންގގެ މަގާމުގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ތެރޭގައި، ޙުސައިން ރަޝީދު ޚިދުމަތް ކުރައްވައިފައި ވަނީ، މި ދާއިރާގައެވެ.

ޙުސައިން ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް އެސިސްޓެންޓް ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ކަމާއި، އެސިސްޓެންޓް މެނޭޖަރ، ސައުންޑް އިންޖިނިއަރިންގގެ މަގާމު ހިމެނެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޙުސައިން ރަޝީދު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ބޭއްވެވި އެކިއެކި ބައްދަލުވުންތަކުގެ ސައުންޑް ހައްދަވައިދެއްވައި، ޚާއްޞަކޮށް، އަތޮޅުވެރިންގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ހަދަންޖެހުނު ހުރިހާ ސައުންޑެއް ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރޭޑިއޯ ޕުރޮގުރާމުތަކާއި، ރޭޑިއޯ ޕްރޮޑަކްޝަންތަކާއި، އެކިއެކި ރެކޯޑިންގތަކުގެ ސައުންޑް ހެދުމާއި، ކޮންފަރެންސް ސިސްޓަމްތައް ސެޓް ކުރައްވައި، އޮޕަރޭޓް ކުރެއްވުމުގެ މަސައްކަތްވެސް ޙުސައިން ރަޝީދު ކުރައްވައިފައި ވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސައުންޑް ޔުނިޓުގެ މުވައްޒަފުންނަށާއި، އޮން އެއަރ އޮޕަރޭޓަރުންނަށާއި އަދި ޕުރޮގުރާމް ޕްރޮޑިއުސަރުންނަށް ޓެކްނިކަލް ލަފާ ދެއްވައި، އެކިއެކި ތަމްރީނުތައް ޙުސައިން ރަޝީދު ދެއްވައިފައި ވެއެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ރާއްޖެއަށް މިޔުޒިކް ތަޢާރުފު ކުރުމަށް އޭރުގެ ރޭޑިއޯ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ މުވައްޒަފުންގެ މިޔުޒިކް ބޭންޑް "ރޭޑިއޭޝަން"ގައި ޙުސައިން ރަޝީދު މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން، "ވޭވްސް"ގެ ނަމުގައި ސަރުކާރުން ބޭންޑެއް އުފެއްދެވުމާ ގުޅިގެން، އެ ބޭންޑުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތުވެސް ޙުސައިން ރަޝީދަށް ލިބިވަޑައިގަތެވެ. ޙުސައިން ރަޝީދަކީ، ރާއްޖޭގައި މިޔުޒިކް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެދެއްވައިފައިވާ ބޭފުޅެކެވެ. އަދި ބޭންޑުގައި ލަވަވެސް ވިދާޅުވެދެއްވި ބޭފުޅެއްވެސް މެއެވެ.

މިނިވަން 25 އާއި، ޖުމްހޫރީ 30 ފާހަގަކުރެއްވުމަށް ސަރުކާރުން ހިންގެވި ކަންކަމުގައި، ޢަމަލީގޮތުން ޙުސައިން ރަޝީދު ބައިވެރިވެވަޑައިގެން، ރާއްޖޭގެ އަތޮޅުތަކުގައްޔާއި، މާލޭގައި ހިންގި އެކިއެކި ހަރަކާތްތަކުގައި، އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ހިންގެވި ހަފުތާ ނިންމުމުގެ ހަރަކާތްތަކުގައްޔާއި، ޢީދު ޝޯތައް ބޭއްވެވުމުގެ މަސައްކަތްތަކުގައިވެސް ޙުސައިން ރަޝީދު އުޅުއްވައިފައި ވެއެވެ. ޙުސައިން ރަޝީދަކީ ދިވެހިރާއްޖޭގެ އަޑުގެ އެކި ޕުރޮގުރާމުތަކާއި ޑްރާމާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ.

ޙުސައިން ރަޝީދަކީ، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަލްމަރްޙޫމް މުޙައްމަދު ރަޝާދުގެ ދަރިކަލެކެވެ.