އަލްފާޟިލް މުޙައްމަދު ރަމީޒް
ހ. ފެވަރިޓްވިލާ

މުޙައްމަދު ރަމީޒް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 އެޕްރީލް 1987 ގައެވެ. މިވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ރަމީޒް ޚިދުމަތް ކުރައްވައިފައި ވަނީ، ދިވެހިރާއްޖޭގެ އަޑުގައި، ފަހުން ޕަބްލިކް ސަރވިސް މީޑިއާގައެވެ.

މުޙައްމަދު ރަމީޒް ފުރަތަމަ އަދާކުރެއްވީ، ދިވެހިރާއްޖޭގެ އަޑުގެ އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރު ކަމެވެ. ރަމީޒުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ޢ.ދ. އަޙްމަދުފުޅަކީ ދިވެހިރާއްޖޭގެ އަޑަށް ދިގު މުއްދަތެއްގައި ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި އާންމުންގެ މެދުގައި ވަރަށް މަޤްބޫލު ކަމެއް ހޯއްދަވައިފައިވާ އަޑެއްގެ ވެރިއެއްވެސް މެއެވެ. ރަމީޒުގެ ލޮބުވެތި ބައްޕަ ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވިގޮތް ވަރަށްގާތުން ފެނިވަޑައިގެންފައި ވުމާއެކު، ދިވެހިރާއްޖޭގެ އަޑުގައި ވަޒީފާ އަދާކުރެއްވުމުގެ ޝައުޤުވެރިކަން ރަމީޒުގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ އޮވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ އަޑުން މަގާމަކަށް އިޢުލާނު ކުރެއްވުމާއި، އޭރު އިޢުލާނު ކުރައްވައިފައި ވަނީ ހަމައެކަނި އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރ ކަމަށްވާތީ، އެ މަގާމަށް ކުރިމަތިލައްވައިގެން އަޑުގެ ވަޒީފާއާ ގުޅިވަޑައިގަތެވެ. އޭގެފަހުން، ކޮންސްޓްރަކްޝަން އޮފިސަރުގެ މަގާމުވެސް އަދާކުރެއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އަޑުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕުރޮގުރާމް ސެކްޝަންގައި ވަޒީފާ އަދާކުރެއްވުމުގެ ޝައުޤުވެރިކަން ރަމީޒްގެ ހިތްޕުޅުގައި އޮވެއެވެ. ނަމަވެސް، ފުރުޞަތު ލިބިވަޑައިގަންނަވަން ފެށީ، އެތަނުގެ ރެކޯޑިންގ ލައިބްރަރީއާ ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. ލައިބްރަރީއާ ހަވާލުވެވަޑައިގެންނެވި ފަހުން، އެކި ޕުރޮގުރާމުތަކަށް ބޭނުންވާ މިޔުޒިކާއި ލަވައާއި އަދި މިނޫންވެސް އެހެނިހެން ތަކެތި، ކަމާބެހޭ ޕްރޮޑިއުސަރުންނަށް ފުރަތަމަ ދެއްވަމުން ގެންދެވި ހިސާބުން، އަޑުގެ ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގަތުމާއި، ޑްރާމާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ރަމީޒަށް ލިބިވަޑައިގަންނަވަން ފެށްޓެވިއެވެ. ޕްރޮޑަކްޝަން ދާއިރާއަށް ރަމީޒަށް ވެދެވަޑައިގެންނެވުނީ އެހިސާބުން ފެށިގެންނެވެ. އޭރުވެސް ރަމީޒުގެ އެއް އުންމީދަކީ، އޭރު ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ހެނދުނު ފޮނުއްވާ "ބާއްޖަވެރި ހެނދުނު"ގެ ޕުރޮގުރާމް ހުށަހެޅުއްވުމުގެ ފުރުޞަތު ހޯއްދެވުމެވެ. އަލްމަރްޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކާއި ބަދުރުއްނަޞީރު ޕުރޮގުރާމް ރެކޯޑު ކުރައްވަމުން ގެންދަވާއިރު، އެތަނުގައި އެވަގުތު ހުންނަވައިގެން، އެ ބޭފުޅުން އެ ހުށަހަޅުއްވާ ގޮތް ރަނގަޅަށް ދަސްކުރެއްވިއެވެ. އަދި އޭރު ފުރުޞަތު ލިބިވަޑައިނުގެންނެވި ކަމުގައިވިޔަސް، އެ ބޭފުޅުން ޕުރޮގުރާމް ރެކޯޑު ކުރައްވައި ނިންމެވުމުން، ސްޓޫޑިއޯއަށް ވެދެވަޑައިގެން، އެ ޕުރޮގުރާމް ހުށަހެޅުމަށް ޕްރެކްޓިސް ކުރައްވަމުން ގެންދެވިއެވެ.

ލައިވްކޮށް ޕުރޮގުރާމް ހުށަހެޅުމުގެ ފުރުޞަތު ރަމީޒަށް ދެއްވީ، ސުނާމީ ކާރިސާގެ ތެރޭގައި، އޭރު ދިވެހިރާއްޖޭގެ އަޑު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބަދަރުއްނަޞީރެވެ. އޭގެފަހުން، ރަމީޒް ދެކެވަޑައިގެންނެވި ހުވަފެން ޙަޤީޤަތަކަށްވެ، ބަދުރުއްނަޞީރާ އެކީގައި "ބާއްޖަވެރި ހެނދުނު" ޕުރޮގުރާމް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އޭގެފަހުން އަޑުގެ އެކިއެކި ޑްރާމާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތުވެސް ރަމީޒަށް ލިބިވަޑައިގެންނެވިއެވެ.

މިއަދު މުޙައްމަދު ރަމީޒުގެ އަޑަކީ، ދިވެހިރާއްޖޭގެ އަޑުން އެންމެ ގިނައިން އިވޭ އަޑުތަކުގެ ތެރެއިން އެއް އަޑެވެ. ޚާއްޞަކޮށް، "ބާއްޖަވެރި ހެނދުނު"ގެ ޕުރޮގުރާމަކީ، މިހާރުވެސް އާންމުންގެ މަޤްބޫލުކަން އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ޕުރޮގުރާމަކަށްވާއިރު، އެ ޕުރޮގުރާމަށް މިއަދު ގެނެސްފައިވާ މައިގަނޑު ބަދަލުތަކާއެކު ލީޑް ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން ރަމީޒް އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު ރަމީޒަކީ، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ ޕްރޮޑިއުސަރ ކަމާއި، އެގްޒެކެޓިވް ޕްރޮޑިއުސަރކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރަމީޒް މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރޭޑިއޯ ޕުރޮގުރާމުތައް އުފެއްދެވުމާއި، ޕުރޮގުރާމުތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތުގެ އިރުޝާދު ޕްރޮޑިއުސަރުންނަށް ދެއްވުން ހިމެނެއެވެ. އަދި އެކި ޕުރޮގުރާމުތަކާ ގުޅޭގޮތުން ޕްރޮޑިއުސަރުން ހުށަހަޅާ ހުށަހެޅުންތައް ފާސްކުރައްވައި، ޕުރޮގުރާމުތައް އުފެއްދުމުގެ މަސައްކަތްވެސް ބަލަހައްޓަވަމުން ގެންދަވައެވެ.

މުޙައްމަދު ރަމީޒަކީ، އެކިއެކި ރިޕޯޓާއި، ޑްރާމާގެ ކޮންޓެންޓްތަކަށް އަޑުއަޅުއްވައި، ޕުރޮގުރާމް އުފެއްދުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ޕީ.އެސް.އެމް. ރޭޑިއޯ ޗެނަލުން ގެނެސްދޭ ޚާއްޞަ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ރަނިންގ ކޮމެންޓްރީ ދެއްވުމުގައިވެސް ރަމީޒަކީ ކުޅަދާނަ ބޭފުޅެކެވެ.